ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި

ލ.އަތޮޅު ތަޢުލީމީ މަރުކަޒުން ފާއިތުވެދިޔަ 3 އަހަރު ތަޢުލީމީ ގޮތުންނާއި ޔުނިފޯމު ޙަރަކާތްތަކުން ވަނަ ވަނައަށް އައި ދަރިވަރުންނަށް އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި އެވެ.

މާރިޗް 20 ވަނަ ދުވަހުގެ ރޭ ލ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯލުގައި ކުރިއަށްދިޔަ މި ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދަރިވަރުންނަށް އިނާމު ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު އަޙުމަދެވެ.

މި ރަސްމިއްޔާތުގެ ބައިވެރިންނާއި މުޚާތަބުކޮށް ސްޓޭޓް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ވިސްނުންތެރިކަމާއި އެކު މަސައްކަތްކުރުމާ، އުފެއްދުންތެރިކަމަށް އިސްކަން ދިނުމަކީ ކާމިޔާބީއަށް ވާސިލުވުމުގައި މުހިންމުކަމެއްކަމަށާއި، ދުނިޔޭގެ ކާމިޔާބު ވިޔަފާރިވެރިންނަކީ  އެމީހުންގެ ވިސްނުންތެރި އުފެއްދުންތެރިކަމުން ކުރިއަރައިގެން ގޮސްފައިވާފަރާތްތަކެއްކަމުގައިއެވެ.

އެހެންކަމުން ހުރިހާ ދަރިވަރުންވެސް ދިރިއުޅުމުގައި ކާމިޔާބީއަށް ވާސިލުވުމަށް އުފެއްދުންތެރި ވިސްނުމެއް ގެންގުޅުމަށް ނަސޭޙަތްތެރިވިއެވެ.

2020-2021 ވަނަ އަހަރު ސާނަވީ ގޮތުން  އެ ސްކޫލުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ 10އޭ ގެ ދަރިވަރު، ފާތިމަތު އީހާ ޢަފީފެވެ. މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ 12 އޭގެ ދަރިވަރު މުޙައްމަދު ރައްސާމެވެ.

2019 އަހަރު އެ ސްކޫލުން ސާނަވީން އެންމެ މޮޅުދަރިވަރަކަށް ހޮވިފައިވަނީ 10 އޭގެ ދަރިވަރު ޢައިޝަތު އަލްމާޝް އަޝްރަފެވެ. އަދި މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ 12 އޭގެ ދަރިވަރު ޢައިޝަތު ނަޝްވާއެވެ.

މި ރަސްމިއްޔާތުގައި ދަރިވަރުންނަށް ޖެނެރަލް ޕްރޮފެޝަންސީ އެވޯޑާއި، އޮނަރލިސްޓެޑް އެވޯޑާއި، ކްލާސް ޕްރައިޒް، ކްލާސް ޕްރޮގްރެސް ޕްރައިޒް، އަދި ސަބްޖެކްޓު ޕްރައިޒް، ހައި ޑިސްޓިންކްޝަން އެވޯޑު އަދި ސްކޫލް ލެވެލާއި، ނޭޝަނަލް ލެވެލުން ޓޮޕްއެޗީވާރސްއަށް ހޮވުނު އެވޯޑުތައް ދެވުނެވެ.

މި ރަސްމިއްޔަތުގައި ލ.އަތޮޅު ކައުންސިލްގެ ރައީސާއި ލ.ފޮނަދޫ ކައުންސިލްގެ ރައީސާއި ލ.ގަމު ކައުންސިލުގެ ރައީސްގެ އިތުރުން ގަންފޮނަދޫ ސްކޫލަތަކުގެ ޕްރިންސިޕަލުންނާއި އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Leave a Comment

Your email address will not be published.