ނޭޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) ގެ މުވައްޒަފުން އެކަކު އަނެކަކާ ބައްދަލުވާއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ސަލާމް ކުރުން އިސްކުރުމަށް އެން.އައި.އީގެ މުއައްޒަފުންގެ ކިބައިން، އެ އިންސްޓިޓިއުޓު ހިންގުމާ ޙަވާލުވެ ހުންނެވި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު އެކަމަށް އެދިވަޑައިގަތީ އެން.އައި.އީގެ މުވައްޒަފުންނަށް އެއިންސްޓިޓިޔުޓްގެ ރެކްރިއޭޝަން ކްލަބުން ބޭއްވި ރަމްޟާން މަހަށް މަރުޙަބާކިޔައި “ރޯދަ ހަދިޔާ” ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި މުއައްޒަފުންނާ މުޚާތަބްކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ސަލާމް ކުރުމަކީ ދީނީގޮތުން ހެޔޮދަރުމަ ލިބޭކަމަކަށްވުމުގެ އިތުރުން އެއީ އިޖްތިމާއީ ގުޅުންވެސް ބަދަހިކޮށްދޭ ރީތި އާދައެއްކަމަށެވެ. އެހެންކަމުން މުއައްޒަފުން އެކަކު އަނެކަކާ ބައްދަލުވާއިރު އެންމެ ފުރަތަމަ ކަމަކަށް “އައްސަލާމް ޢަލައިކުމް” ކިޔައި ސަލާމް ކުރުން ކޮންމެ މުއައްޒަފެއްގެވެސް އާދައަކަށް ހެދުމަށް އެދިވަޑައިގަތެވެ. އަދި އާންމު ދިރިއުޅުމުގައިވެސް ގިނަގިނައިން ސަލާމް ކުރުން އިސްކަމެއްގެ ގޮތުގައި ހެދުމަށް އިލްސްތިމާސްކުރައްވައި މާތްރަސޫލާގެ މިތުރު އަޞްޙާބުން، ސަލާމް ކުރެއްވުމަށް ދެއްވި އިސްކަން ބަޔާން ކުރައްވައި އެރޮނގުން ބައެއް މިސާލުތައް ދެއްކެވިއެވެ.
އެން.އައި.އީ ރެކްރިއޭޝަން ކްލަބުން މުއައްޒަފުންނާއެކު ބޭއްވި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް ބާއްވާ “ރޯދަ ހަދިޔާ” މުއައްޒަފުންނަށް ވެދުންކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލު ވުމުގައި ރަމަޟާން މަހު ކްލަބުން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ބައެއް ކަންކަމުގެ މަޢުލޫމާތުވެސް މިބައްދަލުވުމުގެ ބައިވެރިންނާ ޙިއްސާކުރެވުނެވެ. މީގެ ތެރޭގައި މުއައްޒަފުންނަށް ބާއްވާ މަދަޙަ މުބާރާތާއި ދީނީ ސުވާލު މުބާރާތާއި ދީނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ހިމެނެއެވެ.
އެން.އައި.އީ ރެކްރިއޭޝަން ކްލަބަކީ މުއައްޒަފުން އަތުން ޗަންދާ ނެގުމުގެ އިތުރުން މާލީ ތަނަވަސްކަން އިތުރުކުރުމަށް ބައެއް ޙަރަކާތްވެސް ހިންގަމުން އަންނަ އަދި އެކްލަބްގައި އެން.އައި.އީގެ ހުރިހާ މުއައްޒަފުންގެ ބައިވެރިވުން އޮންނަ ކްލަބެކެވެ.