“ބިގް ބުކްސް” ތައްޔާރު ކުރުމުގެ 3 ވަނަ ބުރެއް ފަށައިފި

ޕްރީސްލް މުދައްރިސުންނަށް އަމާޒުކޮށްގެން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން(އެން.އައި.އީ)ން ބިގް ބުކްސް ތައްޔާރުކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ހެނދުނު އެން.އައި.އީ މީޓިންގރޫމުގައި ފެށި މި ތަމްރީނު ރަސްމީކޮށް ފަށްޓަވައިދެއްވީ އެން.އައި.އީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބެވެ.

23 މޭ އިން 02 ޖޫން 2022ގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށްގެންދާ މި ތަމްރީނުގެ މަޤްސަދަކީ ޕްރީސްކޫލްތަކުގައި ދަރިވަރުން ޝައުޤުވެރިވާ ގޮތަށްކިޔުންތެރިކަން ކުރިއެރުވުމަށް ބޭނުންކުރާނެ އެކަށީގެންވާ ރަނގަޅު ބިގްބުކުސްތަކެއް ތައްޔާރުކުރުމެވެ.

މި ތަމްރީނުގައި އުފެއްދުންތެރި، ކުދިން ޝައުގުވެރިވާ ގޮތްތަކަށް ވާހަކަލިޔާނެ ގޮތް ބައިވެރިންނަށް ކިޔައިދެވޭނެއެވެ. އަދި  ކުރެހުންތައް ބަހައްޓާނެ ގޮތާއި ޑިޖިޓަލްކޮށް ވާހަކަ ފަރުމާ ކުރާނެ ގޮތުގެ މަޢުލޫމާތުވެސް މި ތަމްރީނުގައި ބައިވެރިންނަށް ދެވޭނެއެވެ.

އެން.އައި.އީގެ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމެންޓުން ރާވާ ހިންގާ މި ތަމްރީނު ގައި ލިޓްލް ޖެމްސް ޕްރީ ސްކޫލާއި، ކިންޑަރ ޕްރީސްކޫލާއި، މާފަންނު މަދްރަސާ އާއި ފަލާހު ޕްރީސްކޫލް އަދި ގަލޮޅު ސްކޫލުގެ އިތުރުން ހއ،ހދ،ގއ،ގދ އަދި ލ އަތޮޅު ހިމެނޭހެން 160 މުދައްރިސަކު ބައިވެރިވެއެވެ.

އެން.އައި.އީ އާއި ސްކޫލްތައް ގުޅިގެން ތައްޔާރު ކުރާ ބިގްބުކްސް އާންމުކުރެވޭނީ “ތޯތާ ސީރީސް”ގެ ނަމުގައި އެވެ.

Leave a Comment

Your email address will not be published.