ކަލާފާނު ސްކޫލުން ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ގަސްއިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފި

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކަލާފާނު ސްކޫލާއި އެޗް. ޑީ. ސީ ގުޅިގެން ގަސްއިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޙަރަކާތުގައި 500 ގަސް އިންދާފައި ވެއެވެ. މިއީ މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރު ކަމުގައިވާ ”ބެޓަރ ފިއުޗަރ ފޮރ އެވްރި ޗައިލް” މި ޝިޢާރުގެ ދަށުން ހިންގި ޙަރަކާތެކެވެ.

މި ޕްރޮގަރާމުގެ މަޤްސަދަކީ ދަރިވަރުންގެ ހިތްތަކުގައި ގަސްއިންދުމަށް އޮންނަ ލޯބި އިތުރު ކުރުމާއި، ތިމާވެށި ރައްކާތެރި ކުރުމަށް ދަރިވަރުން ހޭލުންތެރި ކުރުވުން ކަމަށް ކަލާފާނު ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގެ ޚާއްސަ މެހްމާނެއްގެ ގޮތުން އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް  އަލްފާޟިލް އިބްރާހީމް ނަޢީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން އެޗް. ޑީ. ސީ ގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް އަޙުމަދު އާތިފް އާއި އެ ކުންފުނީގެ އެހެން ބައެއް އިސްވެރިން ވެސް ބައިވެރިވެ ވަޑައި ގެންނެވިއެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ރުއްގަނޑު 1 ސަރަޙައްދުގައި ކުރިއަށްދިޔަ މި ޙަރަކާތުގައި ކަލާފާނު ސްކޫލުގެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންގެ އިތުރުން ސްކޫލް މެނޭޖްމަންޓާއި ޕީ.ޓީ.އޭގެ ހުރިހާ މެންބަރުން ބައިވެރިވިއެވެ.

Leave a Comment

Your email address will not be published.