ތަޢުލީމީ ދާއިރާގެ މުއައްޒަފުންގެ މުސާރައަށް ގެނެވުނު ހެޔޮބަދަލުތަކާ ގުޅޭގޮތުން ސްކޫލްތަކަށް މަޢުލޫމާތު ދެއްވަން އެޑިޔުކޭޝަން މިނިސްޓްރީން ފަށްޓަވައިފި

ތަޢުލީމީ ދާއިރާގެ މުއައްޒަފުންގެ މުސާރައަށް ގެނެވުނު ހެޔޮބަދަލުތަކާ ގުޅޭގޮތުން ހުރިހާ ސްކޫލްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިޔަށް ގެންދަވަން އެޑިޔުކޭޝަން މިނިސްޓްރީން ފަށްޓަވައިފިއެވެ.

އެ މިނިސްޓްރީއިން މަޢުލޫމާތު ދެއްވާ ގޮތުގައި މި ސެޝަންތައް ރާވައި ކުރިއަށް ގެންދިއުމުގެ ބޭނުމަކީ މުސާރައަށް އަލަށް ގެނެވުނު ބަދަލުތަކާ ގުޅޭ ގޮތުން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ މުއައްޒަފުންގެ ހުރި ސުވާލުތަކަށް ޖަވާބުދީ، އޮޅުންއަރާ ކަންކަން ސާފުކޮށްދިނުމާއެކު، ހިޖުރަކުރި އޮނިގަނޑުތަކުގައި ތިއްބެވި މުވައްޒަފުންގެ ހުރި މައިގަނޑު ކަންބޮޑުވުންތައް އަހައި އޮޅުން ފިލުވުމެވެ. އަދި މި ސެޝަންތަކުގެ މައިގަނޑު އެއް ބޭނުމަކީ މިނިސްޓްރީގެ ކަމާގުޅޭ ބޭފުޅުން މެދުވެރިކޮށް އެކަންކަން ސާފުކޮށްދިނުންވެސް މެއެވެ.

މި ސެޝަންތައް ކުރިއަށްދަނީ އާ އޮނިގަނޑަށް ހިޖުރަކުރި މުވައްޒަފުން (ޓީޗަރުން) އަދި އެނޫން މުވައްޒަފުން ވަކިންނެވެ. މިވަގުތު މިސެޝަންތައް ފެށިގެން ކުރިއަށްދަނީ މާލެ ސަރަހައްދުގެ ސްކޫލްތަކުގައިނަމަވެސް، ރާއްޖޭގެ ހުރިހާ ސްކޫލްތައް ކަވަރުކުރުމަށް ނިންމާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މިގޮތުން އަތޮޅުތެރޭގެ ސްކޫލްތަކުގައި އޮންލައިންކޮށް މި މަޢުލޫމާތު ސެޝަންތައް މި ހިނގާ ހަފްތާގެ ތެރޭގައި  ކުރިއަށް ގެންދެވޭނެއެވެ.

ތައުލީމީ ދާއިރާގެ މުއައްޒަފުންގެ މުސާރަ މި ހިނގާ މެއި މަހުން ފެށިގެން ބޮޑުކުރެވިފައިވާއިރު މިބަދަލާއެކު މި އަހަރުގެ ބާކީއޮތް ތަނަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 498 މިލިއަން ރުފިޔާ ޚަރަދު ވާނެކަމަށްވަނީ އަންދާޒާ ކޮށްފައެވެ.

Leave a Comment

Your email address will not be published.