ރ. އިންނަމާދޫ ސްކޫލުން ވޭތުވެދިޔަ ރަމަޟާން މަހު ބޭއްވި، “މަދަޙަ މުބާރާތް 1443” ގެ ނަތީޖާފާޅުކުރުން މިފެށޭ ޖޫންމަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ބޭއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި އެސްކޫލްގެ ޕްރިންސިޕަލް ޢައިޝަތު ސަމާ ވިދާޅުވެއްޖެއެވެ. ޕްރިންސިޕަލް ސަމާ ވިދާޅުވީ ނަތީޖާފާޅުކުރުން ލަސްވަމުން ދިޔައީ ބައެއްކަންކަން ހަމަނުޖެހި ލަސްވުމުން ކަމަށެވެ. އެހެންނަމަވެސް ޖޫންމަހުގެ ފުރަތަމަ ހަފުތާގައި ނަތީޖާފާޅުކުރުން ބޭއްވޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް މިހާރު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.
އިންނަމާދޫ ސްކޫލް ދަރިވަރުންގެ މަދަޙަ މުބާރާތް ބޭއްވީ ވޭތުވެދިޔަ ރަމަޟާންމަހުގެ 27 އަދި 28 ވަނަ ދުވަހުއެވެ. މިމުބާރާތުގެ މަޤްޞަދަކީ ކީރިތި ރަސޫލާﷺ ގެ ޛިކްރާ އާކުރުމާއި، ސްކޫލް ދަރިވަރުންގެ ހިތްތަކުގައި ދީނީ ވަޙްދަތު ދިރުވައި އާލާކުރުމާއި ޤައުމީ ފެންވަރުގައި ހިންގޭ މިފަދަ މުބާރާތްތަކުގައި ވާދަކުރެވޭ ފެންވަރުގެ ޤާބިލް ހުނަރުވެރި ދަރިވަރުންތަކެއް އުފެއްދުމެވެ.
މިމުބާރާތުގައި ވަކިވަކި މަދަޙަ ހުށަހެޅުމުގައި ޖުމްލަ 65 ދަރިވަރުން ބައިވެރިވިއެވެ. އަދި ޖުމްލަ 6 ގްރޫޕަކުންވަނީ މަދަޙަ ހުށަހަޅާފައެވެ. މުބާރާތް ކުރިއަށްދިޔައީ އެކި ސްޓޭޖްތަކުގެ މެދުގައި، ހައުސްތަކަށް ޕޮއިންޓް ލިބޭ ގޮތަށެވެ. މިގޮތުން ކުރިއަށް ދިޔަ މިމުބާރާތުގައި ސްކޫލުގެ ހައުސް ތައް ކަމުގައިވާ ރެހެންދި، ފާށަނާ އަދި އަބާރަނަ ހައުސް ބައިވެރިވިއެވެ. މުބާރާތަށް އިންސާފު ކޮށްދެއްވީ ރ. ދުވާފަރުގެ 3 ފަނޑިޔާރުންނެވެ.
ދަރިވަރުންގެ ރީތި އަދި ތަފާތު ހުށަހެޅުންތައް ފެނިގެންދިޔަ މިމުބާރާތުގެ ނަތީޖާފާޅުކުރުން ކުރިން ހަމަޖެހިފައި އޮތީ މި މެއި މަހު 26ގައި ބޭއްވުމަށެވެ. /އޒ