ރާއްޖޭގެ ސްކޫލްތަކުގައި ޓީބީ ބަލި (ކެއްސުން ބަލި) ފެތުރެމުންދާކަމަށް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރަކީ އެއްވެސް ހަގީގަތެއްނެތް ދޮގު ޚަބަރެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ. އެމިނިސްޓްރީން މިކަން ހާމަކުރެއްވީ މިއަހަރު ކުރިޔަށްގެންދާ ޓީބީ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމާ ގުޅުވައިގެން ސްކޫލްތަކުގައި ޓީބީ ފެތުރެމުންދާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައެވެ.
އެމިނިސްޓްރީން ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހިންގަވާ “ޓިޔުބަރކްލޯސިސް އެލިމިނޭޝަން ޕްރޮގްރާމް”ގެ ދަށުން އެ އިދާރާއާއި އެ މިނިސްޓްރީ ގުޅިގެން ސްކޫލްކުދިން ޓީބީ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް ދޭތެރެ ދޭތެރެއިން ކުރިޔަށް ގެންދާކަމަށެވެ. މިގޮތުން މިއަހަރުވެސް މިބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަމުންންދާކަމަށް ބަޔާނުގައިވެއެވެ.
އެބަޔާނުގައި ވިދާޅުވެފައިވާގޮތުގައި ޓީބީ ބައްޔަކީ ރާއްޖެއިން ފެނިފައިވާ ގައިންގަޔަށް އަރާ ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔަކަށް ވީހިނދު، އެކި އުމުރު ފުރައިގެ ސްކޫލްދަރިވަރުން މަދުންނަމަވެސް މިބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އެފަދަ ކޭސްތަކުގައި އެމިނިސްޓްރީން އަބަދުވެސް އަމަލުކުރަމުން ގެންދަނީ އެޗްޕީއޭއިން ކަނޑައަޅައިފައިވާ ގައިޑްލައިނާ އެއްގޮތަށްކަމަށް ވިދާޅުވެފައިވެއެވެ.
“މިސްކްރީނިންގ ޕްރޮގްރާމާ ގުޅުވައިގެން ރާއްޖޭގެ ސްކޫލްތަކުގައި ޓީބީ ބަލި ފެތުރެމުންދާކަމަށް މީޑިއާގެ ބައެއްފަރާތްތަކުން ފަތުރާ ޚަބަރަކީ އެއްވެސް ހަގީގަތެއްނެތް ދޮގު ޚަބަރެކެވެ.” ބަޔާނުގައި ވެއެވެ.
އެބަޔާނުގައި އެންމެހައި ފަރާތްތަކަށް އެމިނިސްޓްރީން ޔަގީންކޮށްއަރުވާފައިވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަބަދުވެސް އެންމެބޮޑު އިސްކަމެއްދޭ ކަން ކަމުގައެވެ. އަދި ދަރިވަރުންނާއި ބެލެނިވެެރިންގެ ހިތުގައި ނުތަނަވަސްކަން އުފެދިދާނެ މިފަދަ ވާހަކަތައް ނުފެތުރުމަށްވެސް ބަޔާނުގައި އިލްތިމާސް ކުރައްވާފައިވެއެވެ.
/އޒ