މާފުށީ ސްކޫލްގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

މާފުށީ ސްކޫލްގެ 2019 އަދި 2020-2021 ވަނަ އަހަރުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ މިމޭމަހު 20 ވީ ހޮނިހިރު ދުވަހު މާފުށީ ސްކޫލް ހޯލުގައި ބާއްވައިފިއެވެ. މި ޖަލްސާ ޝަރަފް ވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ ރަޝީދެވެ.

ޝަރަފްވެރި މެހްމާނު ޑރ ޢަބްދުﷲ ރަޝީދު ދަރިވަރުންނާ މުޚާޠަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގައި 21 ވަނަ ގަރުނުގައި އުނގެނި ދަސްކުރާ ކުއްޖަކު ސަމާލުކަންދީ ކުރިއަރުވަންޖެހޭނެ ހުނަރުތަކުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.
މިޖަލްސާގައި ސްކޫލް ޕްރިންސިޕަލް ޢަބްދުއްނާޞިރު މުޙައްމަދުވެސް ވާހަކަފުޅު ދެއްކެވިއެވެ. އޭނާގެ ވާހަކަފުޅުގައި ސްކޫލެއްގައި ވަށައިޖެހިފައިވާ ތަޢުލީމެއް ދިނުން މުހިންވަނީ ކީއްވެ ކަމާއި، ފުރިހަމަ ދަރިޔަކު ބިނާކުރުމުގައި ވަށައިޖެހޭ ތަޢުލީމެއްގައި ހިމެނޭ އެންމެހައި ކަންތައްތައް ސްކޫލުގައި ހިންގުމުގެ ބޭނުންތެރިކަމާއި އެކަމުގެ ފައިދާގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

2019 ވަނަ އަހަރު ސްކޫލްގެ ބެސްޓް އޯލްރައުންޑް ދަރިވަރަކަށް ހޮވިފައިވަނީ ގްރޭޑް 10 ގެ ދަރިވަރު ޢާއިޝަތު ރައްފާ ޒަރީރު އެވެ.
ޓޮޕް އެޗީވަރ އެވޯޑް ނެޝެނަލް ލެވެލްގައި ދެ ދަރިވަރަކު 2019 ވަނަ އަހަރު ހިމެނެއެވެ. އެއީ ގްރޭޑް 10 ގެ ޢާއިޝަތު ރައްފާ ޒަރީރު އަދި އާމިނަތު ހަނޫން ޝުޖާޢު އެވެ.

2020-2021 ވަނަ އަހަރު ސްކޫލްގެ ބެސްޓް އޯލްރައުންޑް ދަރިވަރަކަށް ހޮވިފައިވަނީ ގްރޭޑް 10 ގެ ދަރިވަރު އަލްޔަސައު އާސިމް އެވެ.
ޓޮޕް އެޗީވަރ އެވޯޑް ނެޝެނަލް ލެވެލްގައި ދެ ދަރިވަރަކު ވޭތުވެދިޔަ އަހަރުވެސް ހިމެނުނެވެ. އެއީ ގްރޭޑް 10 ގެ އަލްޔަސައު އާސިމް އަދި އާމިނަތު ޝައްމާ ޙުސައިން އެވެ.

ވަނަވަނަޔަށް އައި ދަރިވަރުންނަށް އިނާމުތައް ބައްސަވައި ދެއްވީ ޝަރަފްވެރި މެހްމާން ސްޓޭޓް މިނިސްޓަރ ފޯރ އެޑިޔުކޭޝަން ޑޮކްޓަރ ޢަބްދުﷲ ރަޝީދު،އާއި ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ ޑެޕިޔުޓީ ޕްރިންސިޕަލް އިސްމާޢީލް ނަޝީދާއި ސަރުކާރު ބައެއް އޮފީސްތަކުގެ ވެރިންނެވެ.

ޖަލްސާ ފެށްޓުމުގެ ކުރިން މާފުށީ ސްކޫލް ކެޑޭޓް ކޯގެ ފަރާތުން ޝަރަފްވެރި މެހްމާނަށް ގާޑް އޮފް އޮނަރއެއް އެރުވިއެވެ. މި ޖަލްސާގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއި މުއައްޒަފުން އަދި ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވިއެވެ.

Leave a Comment

Your email address will not be published.