5 ސަރަޙައްދެއްގެ ޓީއާރުސީގައި މިނީ ސްޓޫޑިއޯ ގާއިމުކޮށްފި

ރާއްޖޭގެ 5 ސަރަޙައްދެއްގައި ޤާއިމް ކުރެވިފައިވާ ޓީ.އާރް.ސީ ތަކުގައި މިނީ ސްޓޫޑިއޯ ޤާއިމްކޮށްފިއެވެ.
މިނީ ސްޓޫޓިއޯއިން ޚިދުމަތް ދިނުމަށްޓަކައި އެ މަސައްކަތަށް ބޭނުންވާ ބައެއް އިކުއިޕްމަންޓް މިހާރުވަނީ އެ ތަންތަނަށް ފޮނުވައި ޤާއިމްކޮށްދީފައެވެ.
މި ގޮތުން މިނީ ސްޓޫޑިއޯ ޤާއިމްކުރެވިފައިވާ ޓީ.އާރް.ސީ ތަކަކީ ހދ. ޓީ.އާރް.ސީ، ރ. ޓީ.އާރް.ސީ، ޅ.ހިންނަވަރު ޓީ.އާރް.ސީ، ދ. ޓީ.އާރް.ސީ އަދި ސ. ޓީ.އާރް.ސީ ސެންޓަރެވެ.
މި ތަންތަނުގައި ޤާއިމްކުރެވިފައިވާ މިނީ ސްޓޫޑިއޯގެ މައިގަނޑު ބޭނުމަކީ ޓީޗަރުންގެ ކިޔަވައިދިނުމުގައި ބޭނުންކުރާ އެކި އެކި ކޮންސެޕްޓް ވީޑިޔޯ ތައްޔާރުކުރުމާއި، ޖަމާޢަތުގެ ތަޢުލީމާއި، ރަށުގެ ތަރައްޤީއަށާއި، ނެތެމުންދާ މަސައްކަތުގެ ހުނަރާއި، މަސައްކަތް ތެރިކަން ވީޑިޔޯ ކޮށް ރައްކާ ކުރުމާއި، ދަރިވަރުން އަމިއްލައަށް އެކި އެކި ކަންކަން ދަސްކުރުމަށް ބޭނުންކުރާނެ އޯޑިއޯ/ވީޑިއޯ ތައްޔާރުކޮށް ރާއްޖޭގެ އެހެނިހެން ސްކޫލްތަކަށް ފޯރުކޮށްދިނުމެވެ.
މި ޚިދުމަތަކީ، ޢާލަމީ ބަލިމަޑުކަމުގައި، ސްކޫލްތައް ބަންދު ކުރަންޖެހުނު ކަމުގައި ވިޔަސް، ކިޔަވައިދިނުން ހުއްޓާ ނުލާ ސްކޫލްތައް ކުރިއަށްގެންދަން ބޭނުންވާނެ އޯޑިއޯ ވިޝުއަލް ވަސީލަތްތައް ތައްޔާރުކޮށްފައި ބެހެށްޓުމަށް ކޮށައިދެވިފައިވާ ފަހި މަގެކެވެ.
މި ކަމަށް ފަންޑު ކުރައްވާ ފައިވަނީ ގްލޯބަލް ޕާރޓްނަރސް އިން އެޑިޔުކޭޝަނުންނެވެ. މި ޕްރޮޖެކްޓް ދިވެހިރާއްޖޭގައި މޮނިޓަރ ކުރައްވަނީ ޔުނިސެފް މޯލްޑިވެސް އިންނެވެ.
މި މަސައްކަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނީ ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުގެ ފަންނީ ބޭފުޅުންނެވެ.
އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަސައްކަތް ކުރައްވަނީ، މި ޚިދުމަތް އެހެނިހެން އަތޮޅު ތަކަށްވެސް ފުޅާ ކުރުމަށެވެ.

Leave a Comment

Your email address will not be published.