ފަންނީ ގާބިލްކަން އިތުރުކުރުމަށް މަޢުލޫމާތު ދީފި

ގައުމީ މަންހަޖުގެ މައިގަނޑުބައިތަކުގެ މައްޗަށާއި މަންހަޖު ރާވާލެވިފައިވާ ގޮތުގެ މައްޗަށް ޣާޒީ ބަންޑާރައިން ސްކޫލްގެ ޓީޗަރުންނާއި ސުޕަވައިޒަރުން ނާއި އެހެނިހެން އެކެޑެމިކް ސްޓާފުންނަށް ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން އިން މިއަދު މަޢުލޫމާތު ދީފިއެވެ. ތިލަދުންމަތީ އުތުރު ބުރީ އުތީމުގައި ހުންނަ މިސްކޫލްގެ އެކެޑެމިކް މުއައްޒަފުންނަށް މަންހަޖާ ބެހޭގޮތުން މަޢުލޫމާތު ދެއްވީ މިއަދު އެސްކޫލްގައި ބޭއްވި ފަންނީ ގާބިލްކަން އިތުރު ކުރުމުގެ ތަމްރީން(ޕީޑީ) ސެޝަނެއްގައި ނެޝަނަލް އިންސްޓިޓިޔުޓް ހިންގެވުމާ ޙަވާލުވެ ހުންނެވި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ ޢަބްދުﷲ ރަޝީދު އަޙުމަދެވެ.

ޣާޒީ ބަންޑާރައިން ސްކޫލުން ޕްރިންސިޕަލް ޢަބްދުﷲ ޢިނާޔަތު ޖަމާޢަތުގެ ޚަބަރަށް މަޢުލޫމާތު ދެއްވި ގޮތުގައި މިސެޝަންގައި އެސްކޫލުގެ އެކެޑެމިކް ސްޓާފުންގެ 28 ބޭފުޅަކު ބައިވެރިވެވަޑައިގަތެވެ. މީގެ ތެރޭގައި ހިމެނެނީ އެސްކޫލްގެ އެލްކޭޖީން ފެށިގެން ގްރޭޑް 10 އާހަމަޔަށް މަސައްކަތްކުރައްވާ އެކެޑެމިކް ސްޓާފުން ކަމަށްވެސް ޢިނާޔަތު ވިދާޅުވިއެވެ.

ދަރިވަރުންނަށް އެންމެ ފައިދާހުރިގޮތެއްގެ މައްޗަށް މަންހަޖުގެ ގާބިލިއްޔަތުތައް (ކީ ކޮމްޕީޓެންސީ) ތަންފީޒުކުރާނެ ގޮތުގެ މައްޗަށް މަޢުލޫމާތު ދެއްވަމުން އުނގެނުމާއި އުނގަންނައި ދިނުންކުރިޔަށް ގެންދާނެ މައިގަނޑު 5 ގޮތުގެ މައްޗަށް (ޕެޑެގޮޖިކަލް ޑައިމެންޝަން ގެ މައްޗަށް) ޑރ ޢަބްދުﷲ ރަޝީދު ކުރުކޮށް ބައްލަވާލެއްވިއެވެ. އެމަނިކުފާނު ޙިއްސާ ކުރެއްވި މިމަޢުލޫމާތުތަކުގައި ކަންތައްތައް އަމިއްލަޔަށް ތަޖުރިބާކޮށް ދަސްވާނޭހެން ޕްރޮޖެކްޓް ބޭސްޑް ލާނިންގް އަށް ޓީޗަރުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަތެވެ. ދަރިވަރުން އުނގެނުމަށް ގަޔާވެ އަދި ޝައުގުވެރިވާނޭ މާހައުލެއް ބިނާކުރެވޭނީ އެފަދަ ދަރިވަރުން ގަޔާވާގޮތަށް ފިލާވަޅުތައް ކުރިޔަށް ގެންދިޔުމުންކަމަށްވާތީ ޕްރޮޖެކްޓް ބޭސްޑް ލާނިންގ ޚިޔާރުކުރުމަށް ބާރު އަޅުއްވައި އިރުޝާދު ދެއްވިއެވެ.

މިޕީޑީ ސެޝަންގައި ބައިވެެރިވި އެސްކޫލްގެ ޓީޗަރ ފާތުމަތު އަނޫޝާ ވިދާޅުވީ މިސެޝަންގައި ދެވުނު މަޢުލޫމާތުތަކީ ވަރަށް ބޭނުންތެރި އަދި އޭގެ ފައިދާ ނުހަނުބޮޑަށް ކުރާނޭ މަޢުލޫމާތުތަކެއް ކަމަށާއި އެހެންނަމަވެސް މި މުހިންމު މަޢުލޫމާތުތަކަށް ހޭދަކުރަން ލިބުނު ވަގުތުކޮޅު މާކުރުކަމަށެވެ. އޭނާގެ އުންމީދަކީ ފަންނީ ގާބިލްކަން އިތުރު ކުރުމަށް ލިބޭ މިފަދަ އަގުހުރި ފުރުސަތުތައް މިއަށްވުރެން އިތުރަށް ލިބޭނެގޮތް ހަމަޖެހުމެވެ./އޒ

Leave a Comment

Your email address will not be published.