ގާފަރު ސްކޫލްގެ 2019 އަދި 2020-2021 ވަނަ ދިރާސީ އަހަރުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

ގާފަރު ސްކޫލްގެ ދިރާސީ އަހަރުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

3 ޖޫން 2022 ވީ ހުކުރު ދުވަހުގެ ރޭ، ގާފަރު ސްކޫލްގެ 2019 އަދި 2020-2021 ވަނަ އަހަރުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމު ދިނުމުގެ މި ޖަލްސާ ޝަރަފް ވެރި ކޮށްދެއްވީ ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަލްފާޟިލް އަޙްމަދު މިހާދެވެ.

ޖަލްސާއަށް ވަޑައިގެންނެވި ޙާޒިރީންނާއި މުޚާތަބުކޮށް ގާފަރު ސްކޫލްގެ ޕްރިންސިޕަލް ދެއްކެވި ވާހަކަފުޅުގައި އެންމެން ގުޅިގެން ސްކޫލްގެ ނަތީޖާ ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މިގޮތުގައި ސާބިތުވެ ތިބުމަށް ގޮވާލައްވާފައިވެއެވެ.

މި ޖަލްސާގައި އިނާމު ދެވިފައިވަނީ 2019 އަދި 2020-2021 ވަނަ އަހަރު ގުރޭޑު 9 އަދި 10 ން މާއްދާތަކުންނާއި ކުލާހުން ވަނަތަކަށް އައި ދަރިވަރުންނަށާއި އޯލެވެލް އިމްތިޙާނުން ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށެވެ.

2019 ވަނަ އަހަރުގެ ގާފަރު ސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ގުރޭޑް10ގެ ދަރިވަރު ކ. ގާފަރު ގުރަހަ، މުޙައްމަދު ޔައިޝް އަސްލަމުއެވެ.

ހަމަ އެއަހަރުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ސްކައުޓަކަށް ހޮވިފައިވަނީ މުޙައްމަދު ޔައިޝް އަސްލަމް (ސީނިއަރ ޕެޓްރޯލް ލީޑަރ) އެވެ.

2020-2021 ވަނަ އަހަރުގެ ގާފަރު ސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ކ. ގާފަރު ފަތިސް، ޢާއިޝަތު ރަފާއެވެ.

ޓޮޕް އެޗީވަރ އެވޯޑް އަދި ނެޝެނަލް ލެވެލްގައި އެއް ދަރިވަރަކު ވޭތުވެދިޔަ އަހަރުވަނީ ހިމެނިފައެވެ.  އެއީ ގްރޭޑް 10 ގެ ޢާއިޝަތު ރަފާއެވެ.

2020-2021 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ސްކައުޓަކީ އާއިޝަތު ރަފާ (ސީނިއަރ ޕެޓްރޯލް ލީޑަރ) އެވެ.

ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމުތައް ބައްސަވައި ދެއްވީ ޝަރަފްވެރި މެހްމާން ކ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަލްފާޟިލް އަޙްމަދު މިހާދާއި، ގާފަރު ސްކޫލުގެ  ޕްރިންސިޕަލް އަލްފާޟިލް ޢަބްދުﷲ ޚަލީލާއި، ގާފަރު ކައުންސިލް މެމްބަރުންނާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓިގެ ރައީސާގެ އިތުރުން ރަށުގައި ހުރި ސަރުކާރު ބައެއް އޮފީސްތަކުގެ ވެރިންނެވެ.

މީގެއިތުރުން ޝަރަފްވެރި މެހެމާން ދެއްކެވި ވާހަކަފުޅުގައި ކިޔަވާ ކުދިން، ކިޔެވުމުގައި ޢަމަލުކުރަންޖެހޭ މުހިންމު ކަންކަމުގެ މައްޗަށް އަލި އަޅުވާ ލެއްވިއެވެ. އަދި މުދައްރިސުންގެ އުނގަންނައި ދިނުމުގައި ދަރިވަރުންނާމެދު ޢަމަލުކުރަންވީ މުހިންމު ކަންކަން ފާހަގަ ކުރެއްވިއެވެ.

މި ޖަލްސާގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއި މުއައްޒަފުން އަދި ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވިއެވެ.

 

 

 

 

Leave a Comment

Your email address will not be published.