އޭޝިޔާ-ޕެސިފިކް އެޑިޔުކޭޝަން މިނިސްޓަރުންގެ ކޮންފަރެންސް ފަށައިފި

އޭޝިޔާ ޕެސިފިކްގެ ސަރަޙައްދުގެ އެޑިޔުކޭޝަން މިނިސްޓަރުންގެ 2 ވަނަ ބައްދަލުވުން މިއަދު ތައިލެންޑްގެ ވެެރިރަށް ބެންކޮކްގައި ފެށިއްޖެއެވެ.

މިއަދުން ފެށިގެންމިމަހުގެ 7 ވަނަ ދުވަހާ ހަމަޔަށް އޮންނަ މިކޮންފަރެންސްގައި ދިވެހިރާއްޖެއިންވެސް ވަފުދެއް ބަައިވެރިވެއެވެ. މިވަފުދުގެ އިސްބޭފުޅަކަށް ހުންނެވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ ޢަބްދުﷲ ރަޝީދު އަޙުމަދެވެ. މިވަފުދުގައި ދެން ހިމެނިވަޑައިގަންނަވަނީ އެމިނިސްޓްރީގެ ޑިރެކްޓަރ-ޖެނެރަލުން ކަމުގައިވާ ފާތިމަތު އައްޒައާއި އިބްރާހީމް ޢާސިފް ރަޝީދާއި ރާއްޖޭގައި ހުންނަ ޔުނިސެފް އޮފީހުގެ ޕްރޮގްރާމް ސްޕެޝަލިސްޓް މަޒީނާ ޖަމީލެވެ.

3 ދުވަހަށް ދިގުދެމިގެންދާ މިކޮންފަރެންސްއަކީ ސަސްޓެއިނެބަލް ޑިވެލޮޕްމަންޓް ގޯލްސް(އެސްޑީޖީ) ގައި ފެންވަރުރަނގަޅު ތަޢުލީމަށް ޚާއްސަ ގޯލްކަމަށްވާ އެސްޑީޖީ 4 ތަންފީޒުކުރުމުގެ މަސައްކަތް ހަލުވިކުރުމުގެ މައްޗަށް އަމާޒުކޮށް މަޝްވަރާކުރުމުގެ ކޮންފަރެންސްއެކެވެ. މީގެ ތެރޭގައި ކޮވިޑްގެ އާލަމީ ވަބާއިން ގެއްލިދިޔަ ތައުލީމުގެ ފުރުސަތުތައް އަލުން އިއާދަކުރުމަށް ގޮތްތަކެއް ހޯދުމާއި ތަފާތެއްނެތް ހަމަހަމަ، އަދި އެންމެން ޝާމިލުވާ، ފައްސި އިޖާބަދޭ، ވިލުންތެރި ބަދަލުތަކަކަށް މަގުފަހިވެގެންދާނޭ ގޮތެއްގައި ތަޢުލީމީ ކަންތައްތަކާމެދު މަޝްވަރާކޮށް ގޮތްތަކެއް ނިންމުން ހިމެނެއެވެ.

މިކޮންފަރެންސްގައި ތަޢުލީމާ ގުޅޭ ތަފާތު މަޝްވަރާތަކެއް މި 3 ދުވަހު ކުރަން އެޖެންޑާ ކުރެވިފައިވާއިރު މާދަމާގެ މަޝްވަރާތައް އިފްތިތާޙުކޮށްދެއްވަން ހަމަޖެހިފައިވަނީ ކިންގްޑޮމް އޮފް ތައިލެންޑްގެ ޕްރިންސަސް ހާރ ރޯޔަލް ހައިނަސް މަހާ ޗަކްރީ ސިރިންދޯން އެވެ.

މާދަމާ ގެ މަޝްވަރާތައް އަމާޒުވާނީ އޭޝިޔާ އެންޑް ދަ ޕެސިފިކްގެ ކުރިމަގަށް ބަދަލުތަކާއެކު ބައްޓަންވެވޭ ތަޢުލީމުގެ މައްޗަށެވެ. /އޒ

Leave a Comment

Your email address will not be published.