މަތީތަޢުލީމަށް ވާސިލްވުމުގައި، ސާނަވީ ހުރިހާ މަރުޙަލާއެއް ކަޑައްތުކުރުން މުހިންމު – ސްޓޭޓް މިނިސްޓަރ އާތިޔާ

ޏ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިޒް ޑޭ ފާހަގަ ކޮށްފިއެވެ. 2019 އަދި 2021-2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ މިޖަލްސާ ބާއްވައިފައިވަނީ މިމަހު 4 ވަނަ ދުވަހު އެމަރުކަޒުގައެވެ.

މިޖަލްސާ ޝަރަފްވެެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ އާތިޔާ ނަޞީރެވެ. ސްޓޭޓް މިނިސްޓަރ އާތިޔާ އަކީ ފޯއްމުލަކަށް ނިސްބަތްވާ އަދި އެސްކޫލުން ތަޢުލީމުވެސް ހާސިލުކުރެއްވި ބޭފުޅެކެވެ. އެހެންވެ އެކަމަނާ ވަނީ ވާހަކަފުޅު ފައްޓަވަމުން އެސްކޫލްގައި ތަޢުލީމް ހާސިލްކުރެއްވި ދުވަސްތަކުގެ އުފާވެރި ޝުޢޫރުތައް ދަރިވަރުންނާ ހިއްސާ ކުރައްވާފައެވެ.


ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާ މުޚާޠަބް ކުރައްވައި ސްޓޭޓް މިނިސްޓަރ އާތިޔާ ވިދާޅުވީ މަތީ ތަޢުލީމަށް ފަށައިގަތުމުގެ ކުރިން ސާނަވީ ތަޢުލީމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުން މުހިންމުކަމަށެވެ. ސާނަވީ ތައުލީމު ނިންމުމަށްފަހު މަތީސާނަވީ ތަޢުލީމްގެ 2 އަހަރު ފުރިހަމަ ނުކޮށް ފައުންޑޭޝަން ކޯހަކުން 1 އަހަރު ހޭދަކޮށްލައިގެން ޑިގްރީހެދުން މާރަނގަޅުކަމަށް ބައެއް މީހުން ބުނާކަމަށާއި އެހެންނަމަވެސް ރަނގަޅުގޮތަކީ ކިޔަވާކުދިން ތަޢުލީމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުންކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ތަޢުލީމުގެ ހުރިހާ ހަރުފަތެއް ގިރާކޮށް މަތީތަޢުލީމަށް ވާސިލްވާ ކުދިންނާއި ކުރިން ދެންނެވިފަދަ ކުރުމަގަކުން އެހިސާބަށް ފޯރާ ކުދިންގެ މެދުގައި ބޮޑު ފަރަގެއް ހުންނަކަން ފާހަގަވެފައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. ސްޓޭޓްމިނިސްޓަރ އާތިޔާ ވިދާޅުވީ ކުދިންގެ ލޯތައް ހުޅުވި ސިކުނޑިތައް ހުޅުވި ކުދިންގެ ހުނަރުތައް ތަރައްގީވެ ކުދިންގެ ދިރުއުޅުމަށް ތައްޔާރުވުމަށްޓަކައި ތަޢުލީމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުން މުހިންމުކަމަށެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިއަދުގެ ކިޔަވާކުދިންނަކީ ނަސީބު ރަނގަޅު ކުދިންތަކެއްކަމަށެވެ. މިއަދުގެ ސަރުކާރުންވަނީ ކޮންމެ ދާއިރާއަކުންވެސް ކޮންމެ ދަރިވަރަކަށްވެސް މަތީތަޢުލީމަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދެއްވާފައިކަން ފާހަގަކުރައްވަމުން ހިލޭ ޑިގްރީއަށް ކިޔެވުމަށް ސަރުކާރުން ހުޅުވާފައިވާ ފުރުސަތުތަކަކީ ކޮންމެ ކުއްޖަކަށްވެސް ބޭނުން ހިފޭނެ ފުރުސަތެއްކަން އެކަމަނާ ހާމަކުރެއްވިއެވެ.

ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ސްޓޭޓްމިނިސްޓަރ ވިދާޅުވީ އެޖަލްސާގެ ހަގީގީ ޝަރަފުވެރިންނަކީ ތަފާތު ވަނަތަކާއި އިނާމުތައް އެޖަލްސާގައި ހޯދާ ދަރިވަރުންކަމަށާއި އެހެންކަމުން އެދަރިވަރުންނަށް ވަރަށް ބޮޑަށް މަރުޙަބާއާއި ތަހުނިޔާ ވިދާޅުވާކަމަށެވެ.


2019 ވަނަ އަހަރު ސާނަވީ އިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް މިޖަލްސާގައި ހޮވުނީ ހައްވާ ސަމްހާ، ޏަމްޏަމްގެ/ ޏ. ފުވައްމުލައް އެވެ.

2019 ވަނަ އަހަރު މަތީ ސާނަވީ އިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކީ މިނޫ ޙުސައިން ރަފީޤު، ފިނިވެލި/ ޏ. ފުވައްމުލައް އެވެ.

2020/2021 ވަނަ އަހަރު ސާނަވީ އިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވުނީ މުޙައްމަދު އާހިލް އިބްރާހީމް، ނިޔާޒު/ ޏ. ފުވައްމުލައް އެވެ.

މި ޖަލްސާގައި ޏ. ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާއީލް ސަޢުދުﷲ އާއި ފޯއްމުލައް މެދު ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު އާއި ފޯއްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް އާއި އެސިޓީގެ ކައުންސިލަރުން ނާއި ސްކޫލްތަކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. /އޒ

Leave a Comment

Your email address will not be published.