މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން އެއަތޮޅު ކައުންސިލުން “ފްރިންސިޕަލުންގެ ފޯރަމް 2022” ބާއްވައިފިއެވެ.
މިފޯރަމް ބޭއްވުމުގެ މަޤްޞަދަކީ އަތޮޅުގެ ސުކޫލުތަކުގެ ޕްރިންސިޕަލުންނަށް އެފަރާތްތަކުގެ ތަޖުރިބާއާއި ޚިޔާލުތަކާއި، ގޮންޖެހުންތަކާއި އަދި ހައްލުތަކާ ބެހޭގޮތުން އެއްމޭޒުގައި ބައްދަލުވެވި މަޝްވަރާކުރެވޭނެ މަގުފަހިކޮށްދީ ސުކޫލުތަކުގެ ހިންގުން ހަރުދަނާކޮށް އަތޮޅު ފެންވަރުގައި އެއްއަމާޒަކަށް ސްކޫލްތަކުގެ މަސައްކަތް ބައްޓަންކުރުން ކަމަށް މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ޢަޒީމާ ޢަލީ ވިދާޅުވިއެވެ.
އަދި މިއީ އަތޮޅު ކައުންސިލްގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭންގައި ހިމެނިގެން ކުރިޔަށް ގެންދެވުނު މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް 3 އަހަރުދުވަހަށް ސްކޫލުތަކުގެ ލެވެލްގައި އަދި އަތޮޅު ލެވެލްގައި ހާޞިލުކުރުމަށް ލަނޑުދަނޑިތަކެއް މިފޯރަމްގައިވަނީ ކަނޑައެޅިފައެވެ.
ފޯރަމްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ސްކޫލުތަކުން ކާމިޔާބުކަމާއެކު ހިންގާ ޙަރަކާތްތަކާއި، ރަނގަޅަށް ކުރެވޭ ކަންކަމާއި ތަޖުރިބާ ހިއްސާކުރުމާއި އަތޮޅުގެ ނަތީޖާ ރަނގަޅު ސްކޫލުތަކުން ނަތީޖާ ނެރުމަށް ކުރެވޭ މަސައްކަތްތަކާއި ތަޖުރިބާ ހިއްސާކުރުމާއި ސްކޫލުތަކަށް ދިމާވާ ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމާއި އެއްސުކޫލަކުން އަނެން ސުކޫލަށް އެހީތެރިކަން ފޯރުކޮށްދެއްވެން ހުރި ދާއިރާތަކާއި، ގޮތްތަކާއިބެހޭ ގޮތުން މަޝްވަރާކުރުމާއި ދަރިވަރުންގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް ސުކޫލުތަކުން އެއްގޮތްކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތައް ހިމެނެއެވެ. ދަރިވަރުންގެ ތަޢުލީމީ ފެންވަރު އެއްގޮތްކުރުމުގެ ގޮތުން އަތޮޅުގެ ހުރިހާ ސްކޫލުތަކެއްގައި އެއް މޮކްޓެސްޓް ދިނުމަށާއި އެމަސައްކަތްކުރިއަށް ގެންދާނޭގޮތް ރޭވުންވެސް މިފޯރަމްގައި އޮތެވެ.
އިތުރަށް މިފޯރަމްގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެތެރޭގައި އަތޮޅު ކައުންސިލުން ސްކޫލުތަކަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާއި ސުކޫލުތަކާއި ކައުންސިލްތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތައް ހިމެނިފައިވެއެވެ. /އޒ