3 ދުވަހުގެ ޓީއާރުސީ ފޯރަމް، 3 އަހަރުގެ މަގުޗާޓަކާއެކު ނިންމާލައިފި

“ޓީއާރުސީ ފޯރަމް 2022” ގެ ނަމުގައި ކުރިޔަށް ގެންދިޔަ 3 ދުވަހުގެ ބައްދަލުވުން އިއްޔެ ނިމިއްޖެއެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ރާއްޖޭގެ އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޓީޗަރ ރިސޯސް ސެންޓަރ ( ޓީއާރުސީ) ތަކުން މިހާރު އަދާކުރަމުންގެންދާ ދައުރަށް ކުރިމަގުގައި ގެންނާނެ ބަދަލުތަކާބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުން ނިންމާލީ ކުރިޔަށް އޮތް 3 އަހަރަށް ޓީއާރުސީތައް ތަރައްގީކުރަން އެކުލަވާލި މަގުޗާޓަކާއެކީގައެވެ.

ފޯރަމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނާއިބު ޝަރުމާ ނަޞީރުއެވެ.

އެންއައިއީގެ ސީނިޔަރ ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނެލިސްޓް ޢަލީ ރަޝީދު ވިދާޅުވީ 3 އަހަރަށް ބަހާލައިގެން ފަރުމާކުރި މިމަގުޗާޓުގައި ތަޢުލީމީ ޤާނޫނާ އެއްގޮތަށް ޓީޗަރސް ލައިސަންސަށް ފަށައިގަންނައިރު ޓީޗަރުންގެ ފަންނީ ގާބިލްކަން ފުރިހަމަވާން ބޭނުންވާ ޕީޑީ ޕޮލިސީތައް ރިވައިޒްކުރުމާއި ފަންނީ އެހީތެެެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުންވާ ރޮނގުތައް ކަނޑައެޅުންފަދަ ކަންކަން މި ރޯޑްމެޕްގައި ހިމެނިފައިވެއެވެ.

އަލީރަޝީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި މިފޯރަމްގެ މައިގަނޑު ބޭނުމަކީވެސް ޓީއާރުސީތަކުގެ މަސައްކަތްތައް ރާއްޖޭގެ ތަޢުލީމީ ނިޒާމާ އެއްގޮތަށް ބައްޓަންކުރުމެވެ. ޚާއްސަކޮށް ތަޢުލީމީ ގާނޫނަށް ފެތޭގޮތަށް ޓީއާރުސީގެ މަސައްކަތްތައް ބަދަލުވެގެން ދިޔުމެވެ.

މިފޯރަމްގައި ޓީއާރުސީތަކުގައި މަސައްކަތްކުރާ ކޯޑިނޭޓަރުންނާއި ޓީއާރުސީތައް ހުންނަ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އެންއައިއީގެ ފަންނީ މުވައްޒަފުންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިސެފް މޯލްޑިވްސް އިން ޖުމުލަ 40 ބައިވެރިއަކު ބައިވެރިވެއެވެ.

“ޓީއާރުސީ ރިފޯރމް ފޯރަމް 2022” ގެ ނަމުގައި ބޭއްވި މިބައްދަލުވުން ހިނގަމުންދިޔައީ މާލެ އަތޮޅު ތުލުސްދޫގައި ހުންނަ މާލެއަތޮޅު ޓީއާރުސީ ގައެވެ.

Leave a Comment

Your email address will not be published.