ޓީޗަރ ސްޓޭންޑަރޑް ވެލިޑޭޝަން ވޯރކްޝޮޕްގެ ނަމުގައި މުދައްރިސުންގެ ފަންނީ މިންގަނޑު ވެލިޑޭޓްކުރުމާ ގުޅޭގޮތުން ބާއްވާ މަސައްކަތު ބައްދަލުވުމެއް، ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން އިން ފަށައިފިއެވެ. މިއީ އެންއައިއީގެ ފަންނީ މުއައްޒަފުން ބައިވެރިވާ 3 ދުވަހުގެ ވޯރކްޝޮޕެކެވެ. މިވޯރކް ޝޮޕްގައި އެންއައިއީގެ އެކި ޑިޕާޓްމަންޓްތަކުން ފަންނީ މުއައްޒަފުންގެ ތިރީހަކަށް ބޭފުޅުން ބައިވެރިވެވަޑައިގަނެއެވެ. މިއަދު ފެށުނު ވޯރކްޝޮޕް މާދަމާގެ އިތުރުން އަނެއްދުވަހުވެސް އޮންނާނެއެވެ.
ޓީޗަރ ސްޓޭންޑަރޑް ވެލިޑޭޝަން ވޯރކް ޝޮޕަކީ ދާދިފަހުން ފާސްކުރެވުނު ތަޢުލީމުގެ ޤާނޫނުގައި އޮންނަ ގޮތުގެ މަތިން ޓީޗާރސް ލައިސަންސް ކުރުމުގެ މަސައްކަތްތަކަށް ފަށައިގަންނައިރު އެކަމުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ މުދައްރިސުންގެ ފަންނީ މިންގަނޑުތަކަށް (ސްޓޭންޑަރޑްތަކަށް) އެންއައިއީގެ ފަންނީ މުއައްޒަފުންގެ ޚިޔާލު ހޯދުމާބެހޭ ވޯރކްޝޮޕެކެވެ.
މިމަސައްކަތުގައި އެންއައިއީން އިސްކޮށް އުޅުއްވާ އެއިންސްޓިޓިޔުޓްގެ ސީނިއަރ ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނެލިސްޓް ޝުހުދާ ރިޟްވާން ވިދާޅުވީ ފަރުމާކުރެވިފައިވާ މުދައްރިސުންގެ ފަންނީ މިންގަނޑު ފައިނަލް ކުރުމަށް ހުށަހަޅާނީ ޓީޗާރސް ރެޖިސްޓްރޭޝަން ބޯޑަށެވެ.
“މިހާރު މިކުރެވޭ މަސައްކަތަކީ ޓީޗާރސް ރެޖިސްޓްރޭޝަން ބޯޑަށް ހުށަހެޅުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީއަށް ފޮނުވުމުގެ ކުރިން އެންއައިއީގެ ފަންނީ މުއައްޒަފުންގެ ޚިޔާލު މިކަމަށް ހޯދުން” މިވޯރކްޝޮޕްގައި ކުރަމުންގެންދާ މަސައްކަތާމެދު ޝުހުދާ ވިދާޅުވިއެވެ.
ދާދިފަހުން ފާސްކުރެވުނު ތަޢުލީމުގެ ގާނޫނުގައިވާގޮތުން ޓީޗަރުން ލައިސަންސް ކުރުމުގައި ބޭނުންކުރާ ފަންނީ މިންގަނޑު އަންނަ އޮގަސްޓްމަހު ފާސްކޮށް ގެޒެޓްކުރަން ޖެހެއެވެ.