ގާފަރު ސުކޫލުގެ ސަޕޯޓު ސްޓާފް، މުޙައްމަދު މޫސާ ސަރުކާރުގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ވަކިވުމުން އެކަން އެ ސުކޫލުން ކުލަގަދަކޮށް ފާހަގަކޮށްފި

ގާފަރު ސުކޫލުގެ ސަޕޯޓު ސްޓާފްގެ މަގާމުގައި ހުންނެވި ކ. ގާފަރު މިންވަރު، މުޙައްމަދު މޫސާ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ވަކިވުމުން އެކަން އެ ސުކޫލުން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މިކަން ފާހަގަ ކުރުމަށް ބޭއްވުނު ހަފްލާ އޮތީ 25 ޖޫން 2022 ވީ ހޮނިހިރު ދުވަހުގެ ރޭ ގާފަރު ސުކޫލު ހޯލުގައެވެ. މި ޙަފްލާގައި ސްކޫލްގެ ހުރިހާ މުވައްޒަފުންނާއި، ރަށުގެ ކައުންސިލަރުންނާއި، މުޙައްމަދު މޫސާއާއި އޭނާގެ ޢާއިލާގެ މެންބަރުން ބައިވެރިވެލެއްވިއެވެ.

މި ޙަފްލާގައި ސުކޫލުން ވަނީ އޭނާގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ދެއްވާފައެވެ. މީގެ އިތުރުން އެ ސުކޫލުގެ މުވައްޒަފުންގެ ފަރާތުން ފައިސާގެ ހަދިޔާއެއްވެސް ދީފައިވެއެވެ. މި ޙަފްލާގައި ސުކޫލްގެ ޕްރިންސިޕަލާއި، އެޑްމިނިސްޓްރޭޓަރ ދެއްކެވި ވާހަކަފުޅުގައި މުޙައްމަދު މޫސާގެ ޚިދުމަތުގެ 15 އަހަރުގައި، މަސައްކަތުގެ އަޚްލާޤާއި، މަސައްކަތްކުރުމުގައި ގެންގުޅުއްވި ހަރުދަނާ އުސޫލުތަކުގެ މައްޗަށް ތަޢުރީފުކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އަދި މިޙަފްލާގައި އެ ސުކޫލުގެ ގިނަ މުވައްޒަފުންވަނީ މުޙައްމަދު މޫސާއާއި ގުޅޭ ގޮތުން ވަރަށް ގިނަ ޝުޢޫރު ފާޅުކުރައްވާފައެވެ.

ޢުމުރުން 65 އަހަރުވުމާއެކު ސަރުކާރުގެ މަސައްކަތުން މުސްކުޅި ކުރެވުނު ދުވަސްކަމުގައިވާ 26 ޖޫން 2022 ވީ އާދިއްތަ ދުވަހުގެ ރަސްމީ މަސައްކަތުގެ ވަގުތު ހަމަވުމުން ސުކޫލުގެ ޕްރިންސިޕަލާއި، ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނާއި، ސުކޫލުގެ ހުރިހާ މުވައްޒަފުންވަނީ ޝަރަފުގެ ހިނގާލުމަކާއެކު މުޙައްމަދު މޫސާ އޭނާގެ ގެޔަށް ގެންދިޔުމަށް ވެސް ޚާއްސަ ޙަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ. އަދި މީގެއިތުރުން މުޙައްމަދު މޫސާއާއި މެދު ޝުޢޫރު ފާޅުކުރުމަށް، ހަނދާނީ ފޮތެއް ތައްޔާރުކޮށް އެފޮތުގައި ލިޔުމުގެ ފުރުސަތު ސުކޫލުގެ ހުރިހާ މުވައްޒަފުންނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ފޮތް މުޙައްމަދު މޫސާއަށް ހަދިޔާ ކުރުމަށް އެ ސުކޫލުން ވަނީ ނިންމާފައެވެ.

Leave a Comment

Your email address will not be published.