ސުކޫލުތަކުގެ ދަރިވަރުންނާއި ފުރާވަރުގެ ޒުވާނުންގެ ކިބައިގައި އިޖްތިމާޢީ އުފެއްދުންތެރިކަން ކުރިއަރުވައި، މިފަދަ ހުނަރުތަކާއި ފުރުސަތުތައް އެފަރާތްތަކަށް ހޯދައިދިނުމުގެ ގޮތުން ހިންގާ އަޕްޝިފްޓް ޕްރޮގްރާމުގެ ފެސިލިޓޭޓަރުން ތަމުރީނު ކުރުމުގެ 2 ވަނަ ބުރު މިދިޔަ ހޮނިހިރުދުވަހު ފަށައިފިއެވެ.
މި ވޯރކްޝޮޕް ފެސިލިޓޭޓް ކޮށްދެއްވަނީ އެމެރިކާގެ ބޭފުޅެއް ކަމަށްވާ ބްރަޔަން ކޮޓްއެވެ. ބްރަޔަން އަކީ އަފްޝިފްޓް ޕްރޮގްރާމް ވިއެޓްނާމްގައި ފެއްޓެވުމުގައި ވަރަށް އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. އަޕްޝިފްޓްގެ ކަންތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ އެއް ބޭފުޅަކީ ބްރަޔަން ކޮޓްއެވެ.
އަޕްޝިފްޓް ތަމުރީނު މިފަހަރު އޮންނާނީ އޮގަސްޓު 27 އިން 29 އަށް ހުޅުމާލޭ ރެހެންދި ސްކޫލުގައެވެ. އަދި ބޫޓްކޭމްޕް އޮންނާނީ މި ތަމުރީނާ ގުޅިގެން، އޮގަސްޓް 30 އިން ސެޕްޓެމްބަރު 1 އަށް ހަމަ ހުޅުމާލޭ ރެހެންދި ސުކޫލުގައެވެ.
މި ބޫޓްކޭމްޕްގައި 23 ޒުވާނުން ބައިވެރިވާނެއެވެ. ބޫޓްކޭމްޕް ގެ ފެސިލިޓޭޓަރުންގެ ގޮތުގައި ތިއްބަވާނީ ވިއެޓްނާމުން ވަޑައިގެންތިއްބެވި، ރަސްމީ މަންހަޖުގެ ތެރެއިން އަޕްޝިފްޓް ވަރަށް ކާމިޔާބުކަމާއެކީ ވިއެޓްނާމުގައި ހިންގެވުމުގައި ވަރަށް ބޮޑަށް ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، މިސް މައި ހާން ނުއެންގް އާއި، މިސްޓަރ ތޮމް އެންގ ނޯމްއެވެ.
މިފަހަރުގެ ތަމްރީންތަކުގައި 49 ސުކޫލަކުން ބައިވެރިވެއެވެ. މީގެތެރޭގައި ހިމެނޭ އައްޑޫސިޓީގެ ސުކޫލުތަަކަށް މި އަންނަ ސެޕްޓެމްބަރުގެ ތެރޭގައި މި ތަމުރީނުތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިހާރު މިހިނގާ ތަމުރީނުތަކުގައި އައްޑުގެ ސްކޫލުތަކެއް ނުހިމެނެއެވެ.
އަޕްޝިފްޓް ހިންގަނީ ޔުނިސެފްގެ އެހީތެރިކަމާއެކީގައެވެ. މިއީ ޔުނިސްފްގެ އިސްނެގުމެއްވެސް މެއެވެ.
ރާއްޖޭގައި (ސުކޫލުތަކަށް ހިންގާ) އަޕްޝްފްޓްގެ މެއިން ފޯކަލް އަކީ ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އެވެ. ޒުވާނުންނަށް ހިންގާ އަޕްޝިފްޓްގެ ފޯކަލް އަކީ މޯލްޑިވިއަން ރެޑްކްރެސެންޓް (އެމް.އާރު.ސީ)އެވެ.
މިޕްރޮގްރާމުގެ ޕައިލެޓް ފޭސް ހިންގުމަށް ހަމަޖެހިފައިވަނީ، ޝައުގުވެރިކަން ފާޅުކުރި 53 ސުކޫލްގައެވެ..
މިޕްރޮގްރާމު ހިންގުމަށް ބޭނުންވާ މީހުން ތަމުރީނުކުރުމުގެ ފުރަތަމަ ބުރު ވަނީ މާރިޗް 26 -31 އަށް މާލޭގައި ހިންގާފައެވެ.