ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ސިޔާސަތާއި މިންގަނޑުތައް ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ބައިވެރިވެވަޑައިގެންފިއެވެ.
ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީ އިފްތިތާޙްކުރުމުގެ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޑރ ޢާއިޝަތު ޢަލީ ވަނީ ޞިއްޙީގޮތުން ދުޅަހެޔޮ ސްކޫލް މާޙައުލެއް ގާއިމްކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލި އަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ. ގައުމީ މަންހަޖުގައި ކަސްރަތާއި ކުޅިވަރު ހިމެނޭކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ދުޅަހެޔޮ އާދަތަކަށް ދަރިވަރުންނާއި މުދައްރިސުން އަހުލުވެރިކުރުވުމަށް މަޢުލޫމާތާއި ތަމްރީންތައްދީ ސިއްހީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި އެރޮނގުން ހޭލުންތެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގައެވެ. އަދި އެހަރަކާތްތައް ހިނގާ މިންވަރު ވަޒަން ކުރުމުގެ މަސައްކަތް ހިންގަމުންގެންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިގޮތުން ދާދިފަހުން ބޭއްވުނު ހެލްތު ޕްރޮމޯޓިން ކޮންފަރެންސްފަދަ ހަރަކާތްތަކަކީ ސިއްޙަތު ކުރިއަރުވާ ތަންތަނަށް ސްކޫލްތައް ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއިފްތިތާޙްކުރެވުނު ނެޝަނަލް ފިޒިކަލް އެކްޓިވިޓީ ޕޮލިސީއަކީ މިނިސްޓްރީ އޮފް ހެލްތުން އިސްނަންގަވައިގެން ފެއްޓެވި މުހިންމު މަސައްކަތެއް ކަމަށެވެ.