ބ.ތުޅާދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތާއި އދ. އަތޮޅު މަދަރުސާގެ 7 ކުލާސްރޫމާއި އޭވީ ރޫމް އަދި އެމަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތާއި ވ. އަތޮޅު މަދަރުސާގެ މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްތަކުގައި ސޮއިކޮށްފިއެވެ. މިހުރިހާ މަސައްކަތްތަކަކީވެސް 2021-PSIP ގެ ދަށުން ކުރިޔަށް ގެންދެވޭ މަސައްކަތްތަކެކެވެ.
ބ. ތުޅާދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އާއެވެ. އެ ކުންފުނިން ބ.ތުޅާދޫ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތަށް ހުށަހަޅާފައިވަނީ 12،433،844.77ރ (ބާރަމިލިޔަން ހަތަރުލައްކަ ތިރީސް ތިންހާސް އަށްސަތޭކަ ސާޅިސް ހަތަރު ރުފިޔާ ހަތްދިހަ ހަތްލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.
މިކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ. ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖަރ ޝިއުސް ފަރީދުއެވެ.
އދ.އަތޮޅު މަދަރުސާގެ 07 ކްލާސްރޫމް، އޭވީ ރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ އެވެ. އެ ކުންފުނިން އދ.އަތޮޅު މަދަރުސާގެ މަސައްކަތަށް ހުށަހަޅާފައިވަނީ 18،996،432.01ރ(އަށާރަމިލިއަން ނުވަލައްކަ ނުވަދިހަ ހަހާސް ހަތަރު ސަތޭކަ ތިރީސް ދެރުފިޔާ އެއްލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.
މިކޮންޓްރެކްޓްގައިވެސްމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމް އެވެ. ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އަހުލާމް ރުޝްދީ އެވެ.
ވ.އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރީ ކޭ އެންޑް އެފް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ 9،943،405.72ރ (ނުވަ މިލިއަން ނުވަލައްކަ ސާޅީސް ތިންހާސް ހަތަރުސަތޭކަ ފަސް ރުފިޔާ ހަތްދިހަ ދެ ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނަޢީމްއެވެ. ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޚުޝްރުވާން އަހުމަދުއެވެ.