‘ޓްރާންސްފޯރމިންގ އެޑިޔުކޭޝަން ސަމިޓް 2022’ އަށް ރާއްޖޭން ހުށަހަޅާ ކަރުދާހަށް މަޝްވަރާ ހޯދަން ކުޅުދުއްފުށި ސިޓީގައި ބައްދަލުވުމެއް

މިސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކުގައި ބާާއްވާ “ޓްރާންސްފޯރމިން އެޑިޔުކޭޝަން ސަމިޓް 2022” އަށް ހުށަހަޅާ ކަރުދާސް ތައްޔާރުކުރުމުގައި ދިވެހިރާއްޖެއިން ކަނޑައަޅާނޭ ފިޔަވަޅުތައް ދެނެގަތުމުގެ މަޝްވަރާ ބައްދަލުވުމެއް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށިސިޓީގައި މިއަދު ކުރިޔަށް އެބަދެއެވެ. މިއީ 1 ދުވަހުގެ ބައްދަލުވުމެކެވެ. މީގެ ބައްދަލުވުމެއް މިމަހުގެ 6 ވަނަ ދުވަހުވަނީ މާލެސިޓީގައި ބާއްވާފައެވެ.

މިބައްދަލުވުންތަކުން ހޯދާ މަޝްވަރާގެ މަތިން ރާއްޖޭއިން ތައްޔާރުކުރާ ކަރުދާސް ހުށަހަޅާނީ ގައުމުތަކުގެ ވެެރިން ބައިވެރިވެ ވަޑައިގަންނަވާ ޓްރާންސްފޯރމިންގ އެޑިޔުކޭޝަން ސަމިޓަށެވެ.


އދގެ ސެކްރެޓަރީ ޖެނެރަލް ގެ އިސްނެންގެވުމުގެ މަތިން އިންތިޒާމް ކުރެވޭ މި ސަމިޓްގެ އަމާޒަކީ މިހާރުން ފެށިގެން 2030 ވަނަ އަހަރާ ދެމެދު ތަޢުލީމު ފޯރުކޮށްދިނުމުގައި ބަދަލުތަކެއް ގެނައުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގައި އެއްބައިވަންތަކަމާއި ކަންކަމުގެ ޙައްލު ހޯދުމަށް، ޤައުމީ ތަސައްވަރުގެ ތެރޭގައި ތަޢުލީމަށް މިހާރަށްވުރެ އިސްކަމެއް ދިނުމެވެ.

މީގެ އިތުރުން މިސަމިޓަކީ ކޮވިޑް-19 ގެ ސަބަބުން ތަޢުލީމު ފޯރުކޮށްދިނުމަށް ކުރިމަތިވި އައު ގޮންޖެހުންތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޤައުމުތަކަށް އިތުރުވި ގޮންޖެހުންތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި 4 (ތަޢުލީމު) ހީނަރުވެގެން ދިޔަދިއުން ނެގެހެއްޓުމަށްޓަކައި ތަޢުލީމު ފޯރުކޮށްދިނުމަށާއި ތަޢުލީމު ލިބިގަންނަ ޙިއްސާދާރުން އެކުގައި މަސައްކަތްކޮށް، އެ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައިވެސް ސިފަވެގެންދާ ސަމިޓެކެވެ.

މި ސަމިޓަށް ކޮންމެ ޤައުމަކުން ކަރުދާހެއް ހުށަހެޅުމަށް އ.ދ އިން އިރުޝާދު ދީފައިވާއިރު މި ކަރުދާސް ތައްޔާރުމަށްޓަކައި އ.ދ ގެ ހުރިހާ ޤައުމުތަކުން ވެސް އެ ޤައުމެއް ތަޢުލީމީ ހިއްސާދާރުން ޝާމިލްވާގޮތަށް ޤައުމީ ފެންވަރުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށްވެސް އ.ދ އިން ވަނީ ލަފާދީފައެވެ.

ޤައުމީ ފެންވަރުގައި މިފަދަ ބައްދަލުވުންތައް ބޭވުމުގެ ބޭނުމަކީ ކޮވިޑް-19 އަށް ފަހު އެ ޤައުމެއްގައި ތަޢުލީމުގެ ކަންކަން ހުރިނެތްގޮތް ތަޢުލީމީ ހިއްސާދާރުންގެ މެދުގައި މަޝްވަރާކޮށް ދެނެގަތުމުގެ އިތުރުން، 2030ގެ ދެމެހެއްޓެނިވި ލަނޑުދަނޑި 4 (ތަޢުލީމު) ޙާޞިލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމެވެ. އަދި ހަމަ މިއާއެކު މި ފިޔަވަޅުތައް ކާމިޔާބުކުރުމަށް ހުރިހާ ފަރާތްތަކެއްގެ ޝާމިލުވުމާއި އެއްބާރުލުން ވިލަރެސްކުރުން ވެސްމެއެވެ.

މާލެސިޓީގައި ބޭއްވި ބައްދަލުވުމުގެ ރިޔާސަތު

ޚިޔާލާއި މަޝްވަރާ ހޯދުމުގެ މިބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮފް ސޯޝަލް ޕޮލިސީ ޑރ. މުޞްޠަފާ ލުޠުފީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ކޮންވީނަރ އަކީ ޑރ. މަހުމޫދު ޝައުޤީއެވެ.

ކުޅުދުއްފުށި ސިޓީ މަޝްވަރާ ބައްދަލުވުމުގައިވެސް 5 ރަށެއްގެ ކައުންސިލާއި ސްކޫލްތަކުގެ އިތުރުން ދައުލަތުގެ ތަފާތު މުއައްސަސާތައްވެސް ހިމެނޭހެން 50 އަށްވުރެން ގިނަފަރާތަކުން ބައިވެރިވާކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް އާސިފް ވިދާޅުވިއެވެ. މީގެ ތެރޭގައި ސިއްހީ ދާއިރާ، މާލީ އަދި އިގުތިސާދީ ދާއިރާއާއި ޒުވާނުންނާއި އިޖުތިމާޢީ ދާއިރާ ތައްފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ.

Leave a Comment

Your email address will not be published.