ޢަރަބިއްޔާ ސްކޫލް އައު އިމާރާތާއި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި

29 ސެޕްޓެމްބަރ 2022 (ބުރާސްފަތި)

އަރަބިއްޔާ ސްކޫލް އައު އިމާރާތް އަދި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރެވުނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މިއީ ޑިޒައިންގް އެންޑް ބިލްޓް އުސޫލުގެ ދަށުން ކުރިއަށްގެންދަން ހަމަޖެހިފައިވާ މަޝްރޫޢު އެކެވެ. މިމަޝްރޫޢު ހިންގަނީ PSIP-2022 ގެ ދަށުންނެވެ.

އަމީން ކޮންސްޓްރަކްޝަން އިން އަރަބިއްޔާ ސްކޫލް އައު އިމާރާތް އަދި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތުގެ މަސައްކަތަށް ހުށަހަޅާފައިވަނީ 168،525،150.92 (ސަތޭކަ ފަސްދޮޅަސް އަށް މިލިއަން ފަސް ލައްކަ ފަންސަވީސް ހާސް އެއްސަތޭކަ ފަންސާސް ރުފިޔާ ނުވަދިހަ ދެ ލާރި) އަށް މި މަސައްކަތް 420 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.

މިކޮންޓްރެކްޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ވިދާޅުވީ އަންނަ އަހަރުގެ ޑިސެމްބަރ މަހުގެ ފަހުކޮޅު ޢިމާރާތުގެ މަސައްކަތް މުޅިން ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓަރމް ކިޔެވުން ފެށޭއިރު މިޢިމާރާތުގެ ބޭނުންކުރަން ފެށޭނެކަމަށް އެކަމަނާ އުއްމީދު ކުރައްވާކަމަށެވެ.

މި އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ބައު ޖަމާލުއްދީން ސްކޫލް އިމާރާތް ތަޅައި، ސައިޓް ސާފު ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދަމުންދާ ކަމަށާއި މި ފެށޭ އޮކްޓޯބަރ މަހުގެ 14 އަށް މިތަން އެއްކޮށް ސާފުކޮށް މިނިސްޓްރީއާއި ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޢުލޫމާތު ދެއްވިއެވެ.

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ސްކޫލް އިމާރާތް ކުރެވިގެން ދާނީ 40  ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލް، 04 ލިފްޓްއާއި އަދި ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއި އެކުއެވެ.

ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތް ކުރެވިގެންދާނީ 34 ކްލާސްރޫމާއި. 02 ލިފްޓް އަދި ފާހާނާ ތަކާއި އެކުއެވެ.

މި 2 ސްކޫލްގެ މުވައްޒަފުން ބޭނުންކުރާ ވެހިކަލް ފާރކް ކުރުމަށް ފާކިންގް އޭރިއާއެއް މި ޑިޒައިންގައި ހިމެނޭނެކަމަށްވެސް ވެއެވެ. އަދި މިސަރައްދުގެ ޓްރެކްފިކް ހައްލުކުރުމަށް މަދޮށިގޯޅިން ޖަމާލުއްދީން ހިނގުމަށް (ސްކޫލުގެ ބޭނުމަށް) އައު މަގެއްވެސް ވާނީ މި ޑިޒައިންގައި ހިމެނިފައިކަމަށް މަޢުލޫމާތު ދެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު އިމާރާތެއްގެ ދަތިކަން ކުރިމަތިވެފައިވާ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ދަރިވަރުންގެ ކިޔެވުމަށް މިއިމާރާތުން ދާއިމީ ހައްލެއް ގެނެވޭނެކަމަށެވެ. ހަމައެހެންމެ ޖަމާލުއްދީން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަންވެސް ހައްލުވެ ސްކޫލްގެ ކިޔަވައިދިނުން އެއް ދަންފަޅިއަށް ކިޔަވައިދޭ ފުރާ ފުރިހަމަ ސްކޫލެއްގެ ގޮތުގައި ބަދަލު ކުރެވިގެންދާނެއެވެ.

މިނިސްޓަރ ވިދާޅުވީ އެކަމަނާ އުއްމީދުކުރައްވަނީ 2023 ޑިސެމްބަރ މަހުގެ ފަހުކޮޅު ޢިމާރާތުގެ މަސައްކަތް މުޅިން ނިމި މާލޭ އޭރިއާގެ އިތުރު 02 ސްކޫލް އެއްދަންފަޅިއަށް ބަދަލުކުރެވި 2024 ވަނަ އަހަރުގެ ދެވަނަ ޓަރމްގައި ކިޔެވުން ފެށޭނެ ކަމަށެވެ.

އަމީން ކޮންސްޓްރަކްޝަނާއެކު ކުރެވުނު މިކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީ އެވެ.
އަމީން ކޮންސްޓްރަކްޝަން ޕްރިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ކޮމްޕެނީ ސެކްރެޓަރީ އިބްރާހިމް ނިހާދުއެވެ.

Leave a Comment

Your email address will not be published.