މުދައްރިސްކަމަކީ އެކަމުގެ އަސަރު ޒަމާންތަކަކަށް ދެމިގެންދާ ގަދަރުވެރި މަސައްކަތެއް -އެޑިޔުކޭޝަން މިނިސްޓަރ

މުދައްރިސްކަމަކީ އެކަމުގެ އަސަރު، އެތައް ޒަމާނަކަށް ދެމިގެންދާ، މަތިވެރި, ގަދަރުވެރި މަސައްކަތެއްކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ. އެކަމަނާމިހެން ވިދާޅުވީ މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ.

މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތައް ކުރިއަރައިދިޔަ ސަބަބަކީ އެމީހުންނާ ދިމާވި މުދައްރިސުންކަމަށެވެ. އަދި އެއީ ރަނގަޅު އެތައް މުދައްރިސުންނެއްގެ އަޅާލުންތެރިކަމުގެ ހިޔާދަށުގައި އެކުދިންގެ ފިކުރުހޭލައްވައި ފޮރުވިފައިވާ ފަންނުވެރިކަމާއި ގާބިލްކަން ހާމަކޮށްދެއްވުމުގެ ސަބަބުންކަމަށެވެ.

މިނިސްޓަރގެ ޚިތާބުގައި ވިދާޅުވެފައިވާ ގޮތުގައި މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޢާރު ކަމަށްވާ “ތަޢުލީމުގެ ގޮތްތަކާއި ސިފަބަދަލު ކުރަންފަށަނީ މުދައްރިސުންނާ ހަމައިން ” މިޝިޢާރު ޔުނެސްކޯއިން ހޮވާފައިވަނީވެސް ކޮވިޑްގެ  ދަތިހާލުގައި  މުދައްރިސުން ވީ ގުރުބާނީގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ. ކޮވިޑްގެ އަނދިރިވިލާގަނޑުގެ ތެރެއިން އުނގެނުން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު ހީވިހިނދު ކިލާހުގެ ހަތަރުފާރުން ބޭރުވެ، ގެޔަށް ފިލާވަޅުތައް ގެނެސްދިނުމުގައި މުދައްރިސުން އިސްނަންގަވައިގެން އެކޮށްދެއްވި ބުރަމަސައްކަތް މިނިސްޓަރުގެ ޚިތާބުގައި ފާހަގަކުރައްވައި ތަޢުރީފް ކުރެއްވިއެވެ.

މިނިސްޓަރ ވަނީ މުދައްރިސުންގެ ކޮންމެ ހަރަކާތަކީވެސް ދަރިވަރުން ނަމޫނާޔަކަށް ނަގާނޭ ކަމެއްކަމަށް ފާހަގަކުރައްވައި މުދައްރިސުންނަކީ ދީނާއި ގައުމުދެކެލޯބިވާ، އަޅާލުމާއި އިޙްތިރާމްކުރުމާއި އިގުތިސާދުކުރުންފަދަ މަކާރިމުލް އަޚްލާގުގެ ރިވެތި ސިފަތަކުން ދަރިވަރުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވެވަޑައިގަތުމަށް އިލްތިމާސްކުރައްވާފައެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަސް ރާއްޖޭގެ ސްކޫލްތަކުގައި މިއަދު ފާހަގަ ކުރަމުން އެބަގެންދެއެވެ. ބައެއް ސްކޫލްތަކުން މިދުވަސް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޙަރަކާތްތަކެއް ސްކޫލްތަކުގައި ދަނީ ހިންގަމުންނެވެ.

 

 

Leave a Comment

Your email address will not be published.