ހުޅުމާލެ 2 ވަނަ ފިޔަވަހީގައި 5 ވަނަޔަށް އިމާރާތްކުރާ ސްކޫލް އިމާރާތުގެ މަސައްކަތަށް ކޮންޓްރެކްޓް ހަދައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 5 ވަނަ އަށް އިމާރާތް ކުރެވޭ ސްކޫލްގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި މިއަދު މިކަމަށް ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއޝަތު ޢަލީ އެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި މި މަސައްކަތް ހަވާލުކުރެވުނީ ކޮންޓްރެކްޓަރ ފައިނޭންސިންގ ގެ އުސޫލުން ޑިޒައިން އެންޑް ބިލްޑް ޕްރޮޖެކްޓްއެއްގެ ގޮތުގައެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައިވަނީ 547 ދުވަސްތެރޭގައި މަސައްކަތް ނިންމާގޮތަށް، 241،596،570.56ރ އަށް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުނީގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ޙައިޝަމް އެވެ.

ސޮއިކުރުމުގެ މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީން އުއްމީދުކުރަނީ 2024 މާރިޗު މަހުގެ ފަހުކޮޅު އިމާރާތުގެ މަސައްކަތް މުޅިން ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓަރމް ކިޔެވުން ފެށޭއިރު މި އިމާރާތުގެ ބޭނުންކުރަން ފެށޭނެކަމަށެވެ.

ހުޅުމާލެ ފޭސް-2 ގެ 05 ވަނަ ސްކޫލް އިމާރާތް ކުރެވިގެން ދާނީ 54  ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލް، 04 ލިފްޓްއާއި އަދި ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއި އެކުއެވެ. މިގޮތުން މި ސްކޫލްގެ މުވައްޒަފުން ޕާކް ކުރުމަށް ޕާކިންގް އޭރިއާއެއްވެސް މި ޑިޒައިންގައި ހިމެނޭނެކަމަށްވެއެވެ.

މި އިމާރާތް ނިމުމުން ހުޅުމާލޭ ފޭސް-2 ގައި ދިރިއުޅެމުންދާ ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއްގެނެވޭނެކަމަށް އެޑިޔުކޭޝަނުން އުއްމީދުކުރެއެވެ.

 

 

 

 

Leave a Comment

Your email address will not be published.