ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ އަހަރީ ދުވަސް ފާހަގަކުރުން ކުރިޔަށް ގެންގޮސްފި

މިއަދަކީ ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ އަހަރީ ދުވަހެވެ. ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން ގެމަސައްކަތް ފެށިފައިވަނީ 11 އޮކްޓޫބަރ 1976 ވަނަ އަހަރު ސަރުކާރުން އުފެއްދި އެޑިޔުކޭޝަން ޕްރޮޖެކްޓް އޮފީހުންނެވެ. އީޕީއޯގެ މަސައްކަތް ފުޅާވެ ވަކިވަކި އޮފީސްތަކެއްގެ ގޮތުގައި ދުވަސްތަކަކު ހިނގުމަށްފަހު އޭގެ ތެރެއިން ދެއިދާރާއެއް އެއްކޮށް އުފެއްދި އިންސްޓިޓިޔުޓަކީ އެންއައިއީ އެވެ.

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން ގެ ނަމުގައި މިއިންސްޓިޓިޔުޓް އުފެދުނީ ޑިސެމްބަރ 2012 ވަނަ އަހަރުއެވެ. މި އިންސްޓިޓިޔުޓް އުފެދުނީ އޭރު ވަކި 2 އިދާރާއެއްގެ ގޮތުގައި ހިގަމުންދިޔަ ދިވެހިރާއްޖޭގެ ތަޢުލީމީ މަރުކަޒު (އެޑިޔުކޭޝަނަލް ޑިވެލޮޕްމެންޓް ސެންޓަރ) އާއި ސެންޓަރ ފޮރ ކޮންޓިނިޔުއިންގ އެޑިޔުކޭޝަން އެއްކޮށްގެންނެވެ.

1976 ވަނަ އަހަރު އުފެއްދި އެޑިޔުކޭޝަން ޕްރޮޖެކްޓް އޮފީހުން ދެން ކުރިޔަށް ގެންދިޔައީ މުދައްރިސުން ތަމްރީންކުރުމާއި ސްކޫލް އިމާރާތްކުރުމުގެ މަސައްކަތެވެ. މުދައްރިސުން ތަމްރީންކުރުން މޯލްޑީވްސް ނެޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ކުރަމުން ގެންދާއިރު ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ބަލަހައްޓަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ.

އެންއައީ ގެ އަހަރީ ދުވަސް ފާހަގަކުރުމަށް މުއައްޒަފުން މިއަދު ބައެއް ހަރަކާތްތައް ބާއްވައިފައިވެއެވެ. ހެނދުނު 8:15 ގައި ބޭއްވުނު ޚާއްސަ ހަފުލާގައި މުއައްޒަފުންނަށް ހިންގާފައިވާ އިންޑިޒައިން ޓްރެއިނިންގ ފުރިހަމަކުރި ބައިވެރިންނަށް ސަރޓިފިކެޓް ދިނުން އޮތެވެ. ބައިވެރިންނަށް ސަރޓިފެކެޓް ބައްސަވައިދެއްވީ އެންއައިއީ ގެ އިސްވެެރިޔާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ ޢަބްދުﷲ ރަޝީދު އެވެ.

މީގެ އިތުރުން އެންއައިއީގެ މުއައްޒަފުންގެ މެދުގައި ފަހަށް ރައްކާކޮށް މާލީ ބާރުވެރިކުރުމަށް ހިންގަމުންގެންދާ ސްކީމްގެ ބައިވެެރިންނަށް ފައިސާ ޙަވާލުކުރުންވެސް އޮތެވެ. “ފަހަށް ރައްކާ މަށަށް މަންފާ” ޕްރޮގްރާމްގެ “ގުޅި”ތަކުން ފައިސާ މިފަހަރު ލިބޭ ބައިވެރިންނަށް ފައިސާގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ އެންއައިއީގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޝަކީބު އެވެ. މިފަހަރު އެންމެ ގިނަ ފައިސާ ލިބުނީ 10 ނަންބަރު ގުޅީގެ ބައިވެެރިއެއްކަމަށްވާ ޢާއިޝަތު އަޒީފާޔަށެވެ. އޭނާޔަށް 12ހާސް ރުފިޔާ ލިބުނެވެ.

މިއީ ގުޅިތަކުގެ ބައިވެެރިން ކޮންމެ މަހަކު ވަކިއަދަދަކަށް ގުޅިގުޅިޔަށް ފައިސާ ޖަމާކޮށް ބުރުހަމަވާގޮތަށް (ކޮންމެ ބުރެއްގައިވެސް ކޮންމެވެސް އެއްބައިވެރިޔަކަށް ފައިސާލިބޭގޮތަށް) ހިންގޭ ޕްރޮގްރާމެކެވެ. މި ސްކީމްގައި މިހާތަނަށް 46 މުއައްޒަފަކު ބައިވެރިވެފައިވާކަމަށާއި ގުޅިތަކަށް މިހާތަނަށް 72 ހާހަށްވުރެން ގިނަ ރުފިޔާ ޖަމާވި ކަމަށް ސްކީމްގެ އިންތިޒާމްތަކުގެ އިސްބޭފުޅެއްކަމަށްވާ ޢަލީ ރަޝީދު ވަނީ ވިދާޅުވެފައެވެ.

އަހަރީ ޚާއްސަ މި ހަފުލާގެ އިތުރުން މުއައްޒަފުން އިންތިޒާމްކުރި ދިވެހިކެއުމަކާއި އަހަރީ ދުވަހުގެ ކޭކުފެޅުމާއި އެންއައިއީ ރިކްރިއޭޝަން ކުލަބުން އިންތިޒާމްކޮށްގެން މުއައްޒަފުންނަށް ހިންގި ބައެއް ހަރަކާތްތައް ހިންގުންވެސް އޮތެވެ.

Leave a Comment

Your email address will not be published.