ވެލިއު އެޑިޔުކޭޝަން ޕްރޮގްރާމް، “ދަ ލީޑަރ އިން މީ” އިފްތިތާޙް ކޮށްފި

“ދަ ލީޑަރ އިން މީ” ގެ ނަމުގައި ވެލިއު އެޑިޔުކޭޝަން ޕްރޮގްރާމެއް އިފުތިތާހު ކޮށްފިއެވެ.

މި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، ތާޖުއްދީން ސްކޫލުގައެވެ.

ދަރިވަރުންގެ ގައިގައި ރިވެތި އަޚްލާޤާއި ދިވެހި އިސްލާމީ މުޖުތަމަޢަށް ފައިދާހުރި ކުއްޖަކަށްވުމަށް ބޭނުންވާ އަގުތައް އަށަގެންނެވުމަށް އަމާޒުކޮށް ފެށި މިޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޤައުމީ މަންހަޖުގައި ހިމެނިފައިވާ އަގުތައް ދަރިވަރުންގެ ގައިގައި އަށަގެންނެވުމަށް ސްކޫލުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް އިތުރަށް ބާރު އެޅުމެވެ.

މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ރާއްޖޭގެ ސްކޫލުތަކުގެ ގްރޭޑް 9-12 ގެ ދަރިވަރުންނަށެވެ.

މިއަދު މިޕްރޮގްރާމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ޤައުމީ މަންހަޖުގެ މައިގަނޑު ގާބިލިއްޔަތުތަކުގެ މައްޗަށް އަލިއަޅުވާލައްވައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ވާހަކަފުޅު ދެއްކެވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި ދަރިވަރުންގެ ގައިގައި އަށަގެންނެވުމަށް ބާރުއަޅާ އަގުތަކެއް ގައުމީ މަންހަޖުގައި ހިމެނިފައިވާކަން ހާމަކުރައްވައި އެއަގުތަކާއި ސިފަތަކުގެ މައްޗަށް ތަފްސީލީ ނަޒަރަކުން ބައްލަވާލައްވައިފައިވެއެވެ.

މި ޕްރޮގްރާމްގެ ސެޝަންތައް ފެސިލިޓޭޓް ކޮށްދެއްވަނީ ރާއްޖޭގައި ފާހަގަކޮށްލެވޭ ވާހަކަދެއްކުންތެރިން އަދި ލައިފް ކޯޗުން ކަމަށްވާ އަލްފާޟިލް މަސްއޫދު ޢަލީ އަދި އަލްފާޟިލް ހުޞައިން އަފީފް އެވެ. މި ބޭފުޅުން އަތޮޅު ތެރެއަށް ވަޑައިގެން އެކި ރަށްރަށުގެ ސްކޫލުތަކުގައިވެސް މި ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

 

Leave a Comment

Your email address will not be published.