ރާއްޖޭގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށް ހިންގާ ކަރިކިޔުލަމް އޮރިއެންޓޭޝަން ޕްރޮގްރާމެއް ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ކުރިޔަށް ގެންދަން ފަށައިފިއެވެ. މިމަހުގެ 25 ވަނަ ދުވަހު ފެށި މިޕްރޮގްރާމަކީ 6 ހަފްތާގެ މުއްދަތަކަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މި ކަރިކިޔުލަމް އޮރިއެންޓޭޝަން ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ސްކޫލް ތަކުގައި މިވަގުތު މަސައްކަތްކުރައްވަމުން ގެންދަވާ ރިލީފް ޓީޗަރުންނަށެވެ.
200 އެއްހައި ޓީޗަރުން ބައިވެރިވެގެން ކުރިޔަށް ގެންދާ މިޕްރޮގްރާމްގެ މައިގަނޑު މަގުސަދުގެ ތެރޭގައި ގައުމީ މަންހަޖުގެ އެކިބައިތަކަށް ޓީޗަރުން އަހުލުވެރި ކުރުވުމާއެކު ކްލާސްރޫމް މެނޭޖްމަންޓާއި ލެސަންޕްލޭން ތައްޔާރުކުރާނެ ގޮތްތަކާއި އެސެސްމަންޓްގެ މަސައްކަތް ކުރިޔަށް ގެންދިޔުންފަދަ މައުލޫމާތުތައް ބައިވެރިންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.
އޮންލައިންކޮށް ކުރިޔަށް ގެންދާ މިޕްރޮގްރާމްގައި ތަމްރީން ދެއްވަނީ ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުގެ ފަންނީ ބޭފުޅުންނެވެ.