‘ޓީޖީ ކަޕް-2022’ ގެ ފައިނަލް، މާދަމާ ރޭ، ރެހެންދި ސްކޫލް ދަނޑުގައި

ޓީޖީ ކަޕް 2022 ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޑރ ޢާއިޝަތު ޢަލީ

ތަޢުލީމީ ގުޅުމުން އިންތިޒާމުކޮށްގެން ބާއްވާ ’ޓީޖީ ކަޕް 2022‘ ގެ ފައިނަލް މާދަމާ ރޭ (7 ނޮވެންބަރ، ހޯމަދުވަހުގެ ރޭ) އޮންނާނެއެވެ.

ދެކެޓެގަރީ އަކަށް ކުރިޔަށް ގެންދާ މިމުބާރާތުގެ ހޭންޑްބޯލްގެ ފައިނަލަށް ހޮވުނީ އަމީނިއްޔާ ސްކޫލާއި ހިރިޔާ ސްކޫލެވެ. ފުޓްސަލް ފައިނަލަށް ދިޔައީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ރެހެންދި ސްކޫލެވެ. މިމުބާރާތުގެ ފައިނަލްގެ ކުޅުން ފަށާނީ މާދަމާ ރޭ 8 ޖަހާއިރުއެވެ. ޓީޖީ ކަޕަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެމިނިސްޓްރީގެ ޑިޕާޓްމަންޓްތައް އަދި މާލެ ސަރަޙައްދުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މިމުބާރާތަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގައި އަންހެން މުއައްޒަފުންނަށް ޚާއްސަކޮށް ހޭންޑްބޯލް އާއި ފިރިހެން މުއައްޒަފުންނަށް ޚާއްސަ ފުޓްސަލް ހިމެނޭގޮތަށް 2 ކެޓެގަރީއެއް ހިމެނެއެވެ.

މިމުބާރާތް ބޭއްވުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ޓީމްވޯކްގެ ތެރެއިން މަސައްކަތުގެ ރޫހު އާލާކޮށް، ބަދަހި އެކުވެރި ގުޅުމުން މުއައްޒަފުންގެ މަސައްކަތަށް އިތުރު ކުރިއެރުން ގެނައުމާއި ކުޅިވަރުގެ ތެރެއިން ހަށިހެޔޮ ދުޅަހެޔޮ ބަޔަކަށް މުއައްޒަފުން ހެދުން ކަމަށް ތަޢުލީމީ ގުޅުމުގެ ރައީސް ފަތުޙުﷲ މުޙައްމަދު ވަނީ ވިދާޅުވެފައެވެ.

މިމަހުގެ 2 ވަނަ ދުވަހު ފެށުނު މި މުބާރާތުގެ ހޭންޑްބޯލް ކެޓެގަރީގައި 20 ޓީމު ބައިވެރިވެފައިވާއިރު ފުޓްސަލް ކެޓެގަރީގައި 13 ޓީމު ވަނީ ބައިވެރިވެފައެވެ.

މުބާރާތް ހިނގަމުންދަނީ ހުޅުމާލޭގެ ރެހެންދި ސްކޫލް ދަނޑުގައެވެ.

 

 

Leave a Comment

Your email address will not be published.