‘ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން’ އިން ޕެރިހުގައި ބޭއްވި، ބޯރޑް ޑިރެކްޓަރުންގެ ބައްދަލުވުމުގައި ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓަރ ބައިވެރިވެވަޑައިގެންފި

ފަރަންސޭސި ވިލާތުގެ ޕެރިހުގައި ބޭއްވި ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިޔުކޭޝަން ގެ ބޯޑް އޮފް ޑިރެކްޓަރސް ބައްދަލުވުމުގައި އެ ޕާޓްނަރޝިޕްގައި އޭޝިޔާ ޕެސިފިކް ސަރަހައްދު ތަމްސީލްކުރައްވާ އޯލްޓަނޭޓް ބޯރޑް މެންބަރު، ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އާއިޝަތު އަލީ ބައިވެރިވެވަޑައިގެންފިއެވެ. މިބައްދަލުވުމުގައި އެކަމަނާގެ އަރިހުގައި ޓެކްނިކަލް އެޑްވައިޒަރ ގެ ހައިސިއްޔަތުން އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް ޢާއިޝަތު ޙަސަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގްލޯބަލް ޕާޓްނަރޝިޕް ފޯ އެޑިއުކޭޝަންގެ ޑިރެކްޓަރުންގެ ބޯރޑުގެ ބައްދަލުވުން ބާއްވައިފައިވަނީ މިމަހުގެ 5 ން 7 އަށެވެ. ބޯރޑް މެންބަރުންގެ ރިޓްރީޓް، 5 ވަނަ ދުވަހު ބޭއްވުމަށްފަހު މި ޑިސެމްބަރު މަހުގެ 6 އަދި 7 ވަނަ ދުވަހު ވަނީ ރަސްމީ ބައްދަލުވުން ބާއްވައިފައެވެ. މިއީ ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވި ފަހުން ތިން އަހަރުގެ ތެރޭގައި މެންބަރުން ހާޒިރުވެވަޑައިގެން ބޭއްވި ބޯޑުގެ ފުރަތަމަ ބައްދަލުވުމެވެ.

ރިޓްރީޓް ކުރިއަށް ގެންގޮސްފައިވަނީ ޕެރިހުގެ މިނިސްޓްރީ ފޮރ ޔޫރަޕް އެންޑް ފޮރިން އެފެއާޒްގެ މިނިސްޓީރިއަލް ކޮންފަރެންސް ސެންޓަރ، 27 ރޫ ޑި ލާ ކޮންވެންޝަންގައެވެ. ރިޓްރީޓްގައި ބޯރޑު މެންބަރުން ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16، 17 އަދި 19 ވަނަ ދުވަހު ނިއުޔޯކްގައި ބޭއްވި ޓްރާންސްފޯރމިން އެޑިއުކޭޝަން ސަމިޓަށްފަހު، ތަރައްގީވަމުންދާ ގައުމުތަކުގެ ހިއްސާދާރުން ވެފައިވާ ޤައުމީ ވަޢުދުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ސަމިޓުގައި ރާއްޖެއިން ވަނީ ތައުލީމަށް ވައުދުވެފައިވާ ގައުމީ ބަޔާން ވެސް ހުށަހަޅައިފަ އެވެ. ބޯރޑް ރިޓްރީޓް ނިންމާލާފައިވަނީ ފަރަންސޭސި ވިލާތުގެ ސަރުކާރުން ބޭއްވި ރިސެޕްޝަނަކުންނެވެ.

ޑިރެކްޓަރުންގެ ބޯރޑުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޖީ.ޕީ.އީ 2025 އާ ގުޅޭ މުހިންމު ހޯދުންތަކާއި މަޝްވަރާތަކުގެ މައްޗަށެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމާއި ދަރަނީގެ ބުރަތައް އިތުރުވުމާއި ޔޫކްރެއިންގައި ހިގަމުންދާ ހަނގުރާމައާއި ގެދޮރުގެއްލިދިޔުމާއި ކާބޯތަކެތީގެ ނުތަނަވަސްކަމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އުނގެނުމުގެ ދަތިކަން ހައްލުކުރުމުގައި ކުރިއެރުންތައް ފަހަތަށް ޖެހިފައިވާކަން ދެނެގަތުމާ ބެހޭގޮތުން ވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވީ ޓެންޒޭނިއާގެ ކުރީގެ ރައީސް، އަދި ޖީޕީއީ ބޯރޑުގެ ޗެއާރ، ޖަކަޔާ ކިކްވެޓޭ އެވެ. އަދި ލައުރާ ފްރިގެންޓީ މިބައްދަލުވުމުގައި ފުރަތަމަ ފަހަރަށް ޖީޕީއީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމުން ޑިރެކްޓަރުންގެ ބޯރޑުން ވަނީ އޭނާއަށްވެސް މަރުހަބާ ކިޔާފަ އެވެ.

ޖީ.ޕީ.އީ އަކީ މެންބަރު ޤައުމުތަކުގެ ތަޢުލީމީ ހާލަތު ރަނގަޅުކުރުމުގައި އަވަސް ބަދަލުތަކެއްގެނައުމަށް އެހީތެރިވެދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އަދި ކިޔަވައިދިނުމުގެ ގޮތްތައް ޒަމާނީކޮށް، ކޮންމެ ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމެއް ދިނުމުގެ އުންމީދު ހަގީގަތަކަށް ހެދުމަށް، ސްކޫލް މާހައުލާއި ދަރިވަރުން އުނގެނުމަށް މަގުފަހިކޮށްދިނުމުގައި އެހީތެރިވެދޭ ޕާޓްނަރޝިޕެކެވެ.  2019 ވަނަ އަހަރު ރާއްޖެ އެޕާޓްނަރޝިޕްގެ މެމްބަރު ގައުމަކަށް ވީ ފަހުން ޖީޕީއީއިން އަންނަނީ ބޮޑެތި މާލީ އެހީތެރިކަން ރާއްޖެއަށްވެސް ފޯރުކޮށްދެމުންނެވެ.

އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ މެންބަރުންގެ ގޮތުގައި ރާއްޖޭގެ އިތުރުން މިސަރަހައްދުން އިތުރު 19 ގައުމެއް ހިމެނެ އެވެ. މި ދާއިރާގެ ބޯރޑު މެމްބަރަކީ ނޭޕާލް ސަރުކާރުގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ސެކެޓެރީ ރާމަކްރިޝްނާ ސުބޭދީއެވެ. ބޯރޑު މެމްބަރާއި އޯލްޓަނޭޓް ބޯރޑު މެމްބަރަކީ ނިންމުންތައް ނިންމުމުގެ ހުރިހާ މަރުހަލާތަކަކާއި ފެސިލިޓޭޝަންތަކުގައި އެއްހަމައެއްގައި އެއްބާރުލުން ދޭ ބަޔެކެވެ.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ އަދި ޓެކްނިކަލް އެޑްވައިޒަރ ޕެރިހަށް ކުރެއްވި ދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިފައިވަނީ ގްލޯބަލް ޕާޓްނާޝިޕް ފޯރ އެޑިއުކޭޝަނުންނެވެ.

Leave a Comment

Your email address will not be published.