6 ވަނަ އިންޓަރނެޝަނަލް ޓީޗަރސް ކޮންފަރެންސް ހުޅުވުން މާދަމާ ހެނދުނު: ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު

6 ވަނަ އިންޓަރނެޝަނަލް ޓީޗަރސް ކޮންފަރެންސް މާދަމާ ހެނދުނު ކުޅުދުއްފުށި ސިޓީގައި ފަށާނެކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީން މީޑިޔާތަކަށް ހިއްސާ ކުރެއްވި މަޢުލޫމާތުގައި ވިދާޅުވެފައިވާ ގޮތުގައި ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 08:30 ގައެވެ. މިރަސްމިއްޔާތުގެ ޝަރަފުވެެރި މެހެމާނަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދެވެ.


ދެއަހަރުން އެއްއަހަރު ބާއްވަން ހަމަޖެހިފައިވާ ޓީޗަރސް ކޮންފަރެންސް މިފަހަރު މިބާއްވަނީ ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ އާލަމީ ވަބާއަށް ފަހު ފުރަތަމަ ފަހަރަށެވެ. އެންމެ ފަހުން ޓީޗަރސް ކޮންފަރެންސް ބޭއްވީ 2019 ވަނަ އަހަރު އައްޑޫސިޓީގައެވެ. އިންޓަރނެޝަނަލް ޓީޗަރސް ކޮންފަރެންސްގައި މިފަހަރު ބައިވެރިވާ ރާއްޖޭން ބޭރުގެ މަންދޫބުންގެ ތެރޭގައި މެލޭޝިޔާއާއި އިންޑިޔާއާއި ބަންގްލަދޭޝާއި ތުރުކީގެ މަންދޫބުން ހިމެނެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭން ބޭރުން ބައިވެރިވާ މަންދޫބުންގެ ތެރޭގައި ތައުލީމީ ދާއިރާތަކުގެ ފުންނާބުއުސް ތަޖުރިބާކާރު ބޭބޭފުޅުންވެސް ހިމެނިވަޑައިގަނެއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއްބޭފުޅެއްގެ ގޮތުގައި އިންޓަރނެޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ރެކްޓަރ ހިމެނިވަޑައިގަނެއެވެ.


އިންޓަރނެޝަނަލް ޓީޗަރސް ކޮންފަރެންސްގައި ޢާންމުގޮތެއްގައި ބައިވެރިވާ ބޭފުޅުންގެ ތެރޭގައި ކިޔަވައިދިނުމުގެ ދާއިރާގެ ތަޖުރިބާ ކާރު ބޭފުޅުންނާއި ޢިލްމީ ފަންނީ ބޭފުޅުންނާއި ރިސާޗްގެ ދާއިރާގެ ބޭފުޅުން ހިމެނެއެވެ.

Leave a Comment

Your email address will not be published.