ކުޅުދުއްފުށި ސިޓީގައި މިމަހު 24 ގައި ފެށުނު 6 ވަނަ އިންޓަރނެޝަނަލް ޓީޗަރސް ކޮންފަރެންސް ނިންމުމަށް ބާއްވާ ޚާއްސަ ޖަލްސާ ބާއްވައިފިއެވެ. މިޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އިންޑިޔާގެ ގްލޯބަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އިންސްޓިޓިޔުޓްގެ ފައުންޑިންގ ޑިރެކްޓަރ ޑރ ސުނީތާ ގާނދީއެވެ. އެކަމަނާގެ ވާހަކަފުޅުގައި ތަޢުލީމީ އެކިކަންކަމުގައި ދިވެހިރާއްޖެއިން ބަހައްޓާ ޝައުގު ފާހަގަކުރައްވައި މިއީ ތަރައްގީ ޢާއި ކުރިއެރުމުގައި ވަރަށް މުހިންމު ބައެއްކަމުގައި ވިދާޅުވިއެވެ.
އިންޓަރނެޝަނަލް ޓީޗަރސް ކޮންފަރެންސް ނިންމުމުގެ މިޖަލްސާގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ އާއި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ ޢަބްދުﷲ ރަޝީދުއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިޖަލްސާގައި ޓީޗަރސް ކޮންފަރެންސްގައި ހުށަހެޅުނު ކަރުދާސްތަކުގެ ތެރެއިން އެންމެ ރަނގަޅު ކަރުދާސްތައް ހުށަހެޅި ފަރާތްތަކަށް ހަނދާނީ ފިލާ ދެވުނެވެ. މިފިލާތައް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީއެވެ. މީގެ އިތުރުން ކޮންފަރެންސްގެ ކީނޯޓް ސްޕީކަރުންނަށްވެސް މިރަސްމިއްޔާތުގައި ހަނދާނީ ފިލާދެވުނެވެ. މިފިލާތައް ޙަވާލުކޮށްދެއްވީ މިޖަލްސާގެ ޗީފްގެސްޓް ޑރ ސުނީތާ ގާނދީއެވެ.
ކޮންފަރެންސް ނިންމުމުގެ ޖަލްސާގެ “ކްލޯސިންގ ރިމާރކްސް” އިއްވައި ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ ޢަބްދުﷲ ރަޝީދު އަޙުމަދުއެވެ.
ދެ ދުވަހުގެ މުއްދަތަށް ދިގުދެމިގެންދިޔަ މިކޮންފަރެންސްގައި ރާއްޖޭގެ މަންދޫބުންގެ އިތުރުން ރާއްޖޭން ބޭރުގެ4 ގައުމަކުން މަންދޫބުން ބައިވެރިވިއެވެ.