އިންޑިޔާގެ ގްލޯބަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އިންސްޓިޓިޔުޓްގެ ފައުންޑިންގ ޑިރެކްޓަރ ޑރ ސުނީތާ ގާނދީ ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން ( އެންއައިއީ) އަށް މިއަދު ޒިޔާރަތް ކުރައްވައި އެއިންސްޓިޓިޔުޓްގެ ފަންނީ ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ. ގްލޯބަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ ގެ ފައުންޑިންގ ޑިރެކްޓަރު ރާއްޖެ ވަޑައިގަތީ މިމަހު 25 ގައި ކުޅުދުއްފުށި ސިޓީގައި ނިމުނު އިންޓަރނެޝަނަލް ޓީޗަރސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ޑރ. ސުނީތާ ގާނދީ، ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނަށް ކުރެއްވި މިޒިޔާރަތުގައި އެއިންސްޓިޓިޔުޓްގެ ފަންނީ ބޭފުޅުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި ގްލޯބަލް އިންސްޓިޓިޔުޓްއިން ހިންގާ ރާއްޖެއާގުޅޭ ބައެއް ޕްރޮގްރާމްތަކުގެ މަޢުލޫމާތު ދެއްވައި ސުވާލުތަކަށް ޖަވާބު ދެއްވިއެވެ. މިބައްދަލުވުމުގައި ނެޝަނަލް އިންސްޓިޓިޔުޓްގެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ ޢަބްދުﷲ ރަޝީދު އަޙުމަދުވެސް ވާހަކަފުޅު ދެއްކެވިއެވެ. މިއަދުގެ ދުނިޔޭގައި ލިޓަރަސީ އެންޑް ނިޔުމަރަސީއަށް ދެވޭ ސަމާލުކަމުގެ މައްޗަށް ބައްލަވައި މިރޮނގުން ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކާއި މިމަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ބޭނުންފުޅުވާ ފަންނީ ކަންތައްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.
ތަޢުލީމީ ދާއިރާގެ ފަންނީ ބޭފުޅުންގެ މައްޗަށް އެކުލެވޭ 80 ވަރަކަށް ބޭފުޅުންގެ ބޮޑު ގްރޫޕެއް ދާދިފަހުންވަނީ އިންޑިޔާގެ ލަކްނޯ އަށާއި އަޔޯދިޔާއަށް ޒިޔާރަތްކޮށް ގްލޯބަލް ޓްރެއިނިންގ އިންސްޓިޓިޔުޓްގެ ދަށުން ހިންގާ ތަޢުލީމީ މަރުކަޒުތަކުގެ ހަރަކާތްތައް ބަލައި ތަޖުރިބާކޮށްފައެވެ.
ގްލޯބަލް އެޑިޔުކޭޝަން އެންޑް ޓްރެއިންނިންގ އިންސްޓިޓިޔުޓާއެކު އެންއައިއީއިން ވަނީ އެއިންސްޓިޓިޔުޓްގެ މުއައްޒަފުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ފަހުމްނާމާއެއް ދެ އިންސްޓިޓިޔުޓް ދެމެދުގައި ކޮށްފައެވެ.