އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، މިނިސްޓަރ އޮފް އެޑިޔުކޭޝަން އިފްތިތާޙް ކޮށްދެއްވައިފި

އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ އިފުތިތާހުކޮށްދެއްވައިފިއެވެ. މި ޚާއްޞަ ރަސްމިއްޔާތު އޮތީ މެންހަޓަން ބިޒްނަސް ހޮޓެލްގައެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ވޯލްޑް ބޭންކް ހިމެނޭހެން އެކުލަވާލެވިފައިވާ 10 މިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓަކީ  5 އަހަރުދުވަހުގެ މުއްދަތަށް ރޭވިފައިވާ ޕްރޮޖެކްޓެކެވެ.

އޭއީޑީޕީގެ މައިގަނޑު މަޤްސަދަކީ، ޘާނަވީ ތަޢުލީމު ދަރިވަރުންނަށް ފޯރުކޮށްދިނުން އިތުރަށް ފުޅާކޮށް، ޘާނަވީ ގްރޭޑްތަކުގައި ކިޔަވައި ދިނުމުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ އޭއީޑީޕީ އިން އެހީފޯރުކޮށްދޭ ދާއިރާތައް ފާހަގަކޮށްފައިވަނީ ސަރުކާރުގެ މެނިފެސްޓޯއިންނާއި ޝާޢިއު ކުރެވިފައިވާ ވޯލްޑް ބޭންކުގެ ފަހުގެ އެންޕެރިކަލް ދިރާސާތަކުގެ ހޯދުންތަކުގެ މައްޗަށްކަމަށެވެ.

މި ޕްރޮޖެކްޓަކީ ސްޓެމް އެޑިޔުކޭޝަން ތަޢާރަފުކުރުމާއި، ލިޓަރަސީ އާއި ނިއުމެރަސީގެ ހުނަރުތައް އިތުރުކުރުމާއި، ޢާންމު ތަޢުލީމީ ނިޒާމުގެ ތެރެއިން ވޮކޭޝަނަލް އެޑިއުކޭޝަން ތަންފީޒުކުރުމާއި، ޘާނަވީ ތައުލީމުގެ ކޮލިޓީ އެޝުއަރެންސް ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ހިސާބުން ހޮވާފައިވާ 28 ސްކޫލެއްގައި ސައިންސް އާއި އައިސީޓީ އަދި ސްޓެމް އެޑިޔުކޭޝަން ހިމެނޭގޮތަށް ވަޞީލަތް ފުރިހަމަ ރިސޯސް ސެންޓަރު ޤާއިމް ކުރެވިގެންދާނެއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ ކަނޑައެޅޭ ޚާއްޞަ ސަރަހައްދުތަކެއްގެ ހޮވާލެވޭ ސްކޫލްތަކެއްގައި މިފަދަ ލެބްތައް ގާއިމުކުރެވޭނެކަމަށާއި މިކަމުން ދަރިވަރުންނަށް މާލޭ ސަރަހައްދަށް ދަތުރުނުކޮށް މިވަސީލަތްތައް ލިބިދެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެކަމަށެވެ.

މީގެ އިތުރުން، މިފަދަ ކަމެއް ފަށާއިރު ސްކޫލްތަކުން ފޯރުކޮށްދޭ ތައުލީމުގެ ތެރެއިން މޫސުމާއި ރައްޓެހި ގޮތްތައް ކުރިއަރުވާ، އެފަދަ އަގުތައް ހިފެހެއްޓުމުގައި ހަރުދަނާ ބަޔަކަށް އަޅުގަނޑުމެން ވާން ޖެހޭކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިގޮތުން “ފެހި މަދަރުސާ” ގެ ނަމުގައި ފެހި ހިޔާލުތައް ސްކޫލްގެ މުޅި މާހައުލުން ދަސްކޮށްދީ، އަށަގަންނުވައިދޭ ފަދަ އިސްނެގުމެއް ފަށައިފައިވާކަން ފާހަގަކުރެއްވިއެވެ. “ފެހި މަދަރުސާ”ގެ ބައެއް ހަރަކާތްތަކުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައިގެ މުހިންމުކަމާއި، އާއްމު ކުނި، ގަސްކާނާއަށް ބަދަލުކުރުން ފަދަ  ކުނިން ނަފާ ހޯދުމާއި މަދަރުސާގެ މާހައުލު ފެހިކުރުން ހިމެނެއެވެ.

 

 

 

 

Leave a Comment

Your email address will not be published.