ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ޚަބަރު: ނަސްރީނާ – ގއ. އަތޮޅު ތަޢުލީމީ މަރުކަޒު    09 ފެބްރުވަރީ 2023

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަސް ފެބްރުވަރީ 08 ވީ ބުދަ ދުވަހު ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ ގއ. އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް މުޙައްމަދު ޙަސަނެވެ. މީގެ އިތުރުން ޕީ. ޓީ. އޭގެ ނާއިބް ރައީސް މުސްޠަފާ މުޙައްމަދާއި ޕީ. ޓީ އޭގެ ހިންގާ ކޮމިޓީގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބުދަ ދުވަހުގެ ހެނދުނު 8:20 ގައި ބޭއްވުނު މި އެސެމްބްލީގައި ގއ. އަތޮޅުގެ ތަޢުލީމީ ޙާލަތު އޮތްގޮތުގެ މައްޗަށް އަލި އަޅުވާލައްވަމުން ޝަރަފްވެރި މެހެމާނު ވިދާޅުވެފައިވަނީ، މި މަރުކަޒަކީ ގއ. އަތޮޅުގެ ރައްޔިތުން ޖާހިލު ކަމުގެ އަނދިރިން ނޫރާނީ އަލިކަމުގެ ތެރެއަށް ގެނެސްދިން ދަންމަރުކަމުގައެވެ. ހަމަ އެއާއެކު މަރުކަޒުގެ އޭރާއި މިހާރުގެ ތަޢުލީމީ ޙާލަތާއި، އެއް އަހަރުން އަނެއް އަހަރަށް ތަރައްޤީވަމުން އަންނަ މިންވަރާއި ހޯދަމުންދާ ފަޚުރުވެރި ކާމިޔާބުގެ މައްޗަށް އަލިއަޅުވާލައްވައި، ކޮންމެ ކަމެއްކުރި ކަމުގައި ވިޔަސް އެކަމެއް ކުރާ ހިތުން ޝައުޤުވެރިކަމާއެކު ކުރުމަށް ދަރިވަރުންނާއި މުވައްޒަފުންނަށް ނަސޭޙަތްތެރިވެ ވަޑައިގަތެވެ. މީގެ އިތުރުން މަރުކަޒުގެ ޕްރިންސިޕަލް އަދި ލީޑިންގ ޓީޗަރ އަލްފާޟިލް ޢަލީ މުޙައްމަދު ދުވަހާ ބެހޭގޮތުން  އެސެމްބްލީގައި ވާހަކަފުޅު ދެއްކެވިއެވެ.

އެލް.ކޭ. ޖީ އިން ފެށިގެން ގްރޭޑް 12 އާއި ހަމަޔަށް ކިޔަވައިދެއްވާ މި ސްކޫލަށް  43 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީގައި އަހަރީ ކޭކު ފެޅީ ސްކޫލް ކެޕްޓަން އަޙްމަދު ލަޔާން ނަޒީރެވެ. އޭގެ އިތުރުން މަރުކަޒުގެ ޕްރިސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް،  ޕީ. ޓީ.އޭގެ ނާއިބްރައީސާއި ޕީ. ޓީ. އޭގެ ހިންގާ ކޮމިޓީގެ މެމްބަރުން، އަދި ދުވަހުގެ ޚާއްސަ މެހެމާނުގެ އިތުރުން 8 ފެބްރުއަރީ ގައި އުފަންވެފައިވާ ދަރިވަރުންނާއި މުވައްޒަފުން  މި ކޭކު ފެޅުމުގައި ބައިވެރިވިއެވެ.

އަހަރީ ކޭކު ފެޅުމުގެ އިތުރުން ޕީ. ޓީ އޭގެ ފަރާތުން ” ބަދަހި މިތުރުންގެ ހަދިޔާ ” ފޮތް މަރުކަޒަށް ތަކެތި ހަދިޔާ ކުރުމާއި  ޕީ. ޓީ. އޭ ގެ ހިންގާ ކޮމެޓީގެ ފަރާތުން މަރުކަޒުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކަޕްކޭކު ދިނުންވެސް މި އެސެމްބްލީގައި އޮތެވެ.

ދުވަހާ ގުޅިގެން އެ ދުވަހުގެ ހަވީރު ޕެރޭޑެއްވެސް ކުރިއަށްދިޔައެވެ.  ބުދަ ދުވަހުގެ ހަވީރު 04:45 ގައި، ރަށުގެ ބޮޑެތި މަގުތަކުގައި ކުރިއަށްގެންދިޔަ މި ޕެރޭޑުގައި މަރުކަޒުގެ ހުރިހާ ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވިއެވެ. މަރުކަޒުގެ ދަރިވަރުންގެ ޔުނިފޯމްތަކާއި މަރުކަޒުގެ 4 ހައުސްގެ ޖާޒީ އާއި މަރުކަޒުގެ ކްލަބްތައް ރަމްޒްކޮށްދެވުނު މި ޕެރޭޑުގައި މަރުކަޒާއި ބެހޭ ތަފާތު މަޢުލޫމާތު ފޯރުކޮށްދެވުނެވެ.

08 ފެބުރުވަރީ 1980 ގައި ކޮމިޔުނިޓީ ސްކޫލުގެ ނަމުގައި ހުޅުވުނު މި ސްކޫލަށް 43 އަހަރު ފުރުނުއިރު،   މި ސްކޫލުގައި 672 ކުދިން ތަޢުލީމު ޙާސިލްކުރަމުން ދެއެވެ.

 

 

Leave a Comment

Your email address will not be published.