މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 90 އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން އެތާގެ މުއައްޒަފުންނަށް ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ. މިޙަފްލާ ބާއްވައިފައިވަނީ ޢިމާދުއްދީން ސްކޫލްގެ ގޯތިތެރޭގައި ރޭ އިރާކޮޅުގައެވެ.
1932 ވަނަ އަހަރު އުފެދުނު ތަޢުލީމީ ވުޒާރާއަށް 90 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި މިޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ތަޢުލީމީ ވަޒީރު ޑރ ޢާއިޝަތު ޢަލީއެވެ. އެކަމަނާވަނީ މިޙަފްލާގައި މުއައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ބޭރުގެ ތާރީޚީ ޢިލްމުވެރި ބޭފުޅުންގެ ސިފަކުރެއްވުންތަކުން ރާއްޖޭގެ ތަޢުލީމަށް ބައްލަވާލައްވަމުން ވިދާޅުވީ ތަޢުލީމީ ވުޒާރާއެއް އުފެދުމުގެ މާކުރިންވެސް ދަރިންނަށް ތަޢުލީމު ދިނުމުގެ މަސައްކަތް ރާއްޖޭގައި ކުރަމުން އަންނަ ކަމަށެވެ.
ތަޢުލީމީ ވުޒާރާގެ މުއައްޒަފުންގެ ކިބައިން މިނިސްޓަރު އެދިވަޑައިގަތީ ކޮންމެ މުއައްޒަފަކުވެސް އެމުއައްޒަފެއްގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ މަތިން އަލުން ވިސްނަވައި މަސައްކަތް އެންމެ ފައިދާހުރި ގޮތުގައި ކުރިޔަށް ގެންދިޔުމަށް މިމުނާސަބަތުގައި އަޒުމް ކަނޑައެޅުމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުން ފޫހިފިލުވުމުގެ ތަފާތު އައިޓަމްތައް ހުށަހެޅި މިހަފްލާގައި 15 އަހަރަށްވުރެން ދިގުމުއްތަކަށް އެވުޒާރާއަށް ޚިދުމަތްކުރެއްވި މުއައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް ހަނދާނީ ފިލާދިނުން އޮތެވެ.
މިއަދު މެންދުރުފަހު އެޑިޔުކޭޝަން މިނިސްޓްރީގެ މުއައްޒަފުންނަށް ޚާއްސަކޮށް ބާއްވާ ކުޅިވަރު ތަކެއް އިމާދުއްދީންގައި އޮންނާނެއެވެ.