“އެޑިޔުކޭޝަން ވޯލްޑް ފޯރަމް 2023” (EWF-2023) ގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ 

އެޑިޔުކޭޝަން ވޯލްޑް ފޯރަމް 2023 ގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. 3 ދުވަހަށް ދެމިގެންދާ މި ފޯރަމްގެ މަޤްސަދަކީ ތަޢުލީމީ ނިޒާމަށް އައިސްފައިވާ ބަދަލުތަކާއި އެ ކަންކަމުން ދަސްވި ފިލާވަޅުތަކަށް ރިއާޔަތްކޮށް، ދިގު މުއްދަތެއްގައި ތަޢުލީމީ ނިޒާމަށް އަންނާނެ ބަދަލުތަކާއި ދިމާވާނެ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.

މި ޕްރޮގްރާމްގެ ސެޝަންތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާއާ ގުޅުންހުރި ފަރާތްތަކުގެ ވިލުނުވެރިކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް، މީހުންގެ ކިބައިގައި ހުންނަ ރަނގަޅު އާދަތަކާއި، ޢިލްމާއި، ހުނަރު އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ސިޔާސަތުތައް ހޯދާބެލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަޢުލީމުގެ މައިގަނޑު އަމާޒުތަކަށް ވާޞިލުވުމަށްޓަކައި ލީޑަރޝިޕާއި ބަދަލުވަމުންދާ ޓެކްނޮލޮޖީގެ މުހިންމުކަމަށް އަލިއަޅުވާލާނެއެވެ.

މި ސެޝަންތަކުގައި ހުށަހަޅާ ޚިޔާލުތަކުގެ ޒަރީއާއިން ބައިވެރިންނަށް، އެ ބައިވެރިން ނިސްބަތްވާ ޤައުމުތަކުގެ ތަޢުލީމީ ދާއިރާ އެންމެ ރަނގަޅުކުރެވޭނެ ގޮތްތަކަކީ ކޮބައިކަމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި ސަގާފަތަށް އެންމެ އެދެވޭ ނޫފޫޒެއް ފޯރުވޭނީ ކޮން ކަންތައްތަކަކުން ކަން ދެނެގަނެވޭނެއެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ސެޝަންތަކުގެ ތެރޭގައި ބަވަނަވަމުންދާ ދުނިޔޭގައި ދެމެހެއްޓެނިވި ތަޢުލީމުގެ މުޙިންމުކަމަށް ރިއާޔަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި ފޯރަމަކީ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހުރިހާ ހަރުފަތެއްގައިވެސް ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ސިޔާސަތުތަކާއި ޢަމަލުކުރެވެމުންދާ އުސޫލުތަކުގެ މިސްރާބު ބަދަލުކުރުމަށް ލިބޭ އެހީއެކެވެ.

އެޑިޔުކޭޝަން ވޯލްޑް ފޯރަމް ބާއްވަނީ އަހަރަކު އެއް ފަހަރު، އިނގިރޭސިވިލާތުގެ ލަންޑަންގައެވެ. އަދި މިއީ ދުނިޔޭގެ ޤައުމުތަކުން އެންމެ ގިނަ ތަޢުލީމީ ވަޒީރުންނާއި ތަޢުލީމާ ބެހޭ މުފައްކިރުން އެއްތާކުން ބައްދަލުވެ، ތަޢުލީމީ ދާއިރާ ކުރިއަރުވާނެ ގޮތްތަކާ  ބެހޭގޮތުން މަޝްވަރާކޮށް، ތަޖުރިބާ ޙިއްޞާކުރުމަށް ބޭއްވޭ މިފަދަ އެންމެ ބޮޑު ފޯރަމެވެ. މޭ 7 އިން 10 އަށް ކުރިއަށްދާ މި ފޯރަމްގައި މި އަހަރު ދުނިޔޭގެ އެކި ޤައުމުތަކުން 117 ތަޢުލީމާ ބެހޭ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވައެވެ.

 

 

 

 

 

Leave a Comment

Your email address will not be published.