“އަލްފާ” ސްޓަޑީ ޓުއަރގައި ލަކަނޯ ގައި ތިބި ރާއްޖޭގެ ސްކޫލްތަކުގެ ފަންނީ މުއައްޒަފުން، އެސިޓީގެ 5 ސްކޫލަކަށް ޒިޔާރަތް ކޮށްފި

“އަލްފާ” ޕައިލެޓް ޕްރޮގްރާމުގެ ދަށުން ތަޖުރިބާ ދަތުރެއްގައި މިހާރު އިންޑިޔާގެ އުއްތަރުޕްރަދޭޝްގެ ލަކަނޯ ގައި ތިބި ރާއްޖޭގެ ސްކޫލްތަކުގެ ފަންނީ މުއައްޒަފުން މިއަދު އެސިޓީގެ 5 ސްކޫލަކަށް ޒިޔާރަތް ކޮށްފިއެވެ. 130 އަށްވުރެން ގިނަ މުދައްރިސުންނާއި ފަންނީ މުއައްޒަފުން ސްކޫލްތަކަށް ޒިޔާރަތް ކުރުމުގެ ބޭނުމަކީ އަލްފާ މެތަޑް ބޭނުންކޮށްގެން އެސްކޫލްތަކުގައި ކިޔަވައިދޭ ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް އަހުލުވެރިވުމެވެ.

“އަލްފާ” ޕައިލެޓް ޕްރޮގްރާމުގެ ދަށުން ލިޓެރަސީ އެންޑް ނިއުމެރަސީ އަށް ޚާއްސަކޮށްގެން ބާއްވާ މިތަމްރީން ދަތުރުގައިބައިވެރިވާ 130 މުދައްރިސުންނަކީ ރާއްޖޭގެ 16 ސްކޫލަކުން ބައިވެރިވާ މުދައްރިސުންނެވެ. މިއީ މިޖުލައި މަހުގެ 2-9 އަށް ރާވާފައިވާ ދަތުރެކެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އަދި ގްލޯބަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އިންސްޓިޓިއުޓް އޮފް އިންޑިއާ އާ ގުޅިގެން އިންތިޒާމްކުރި މިދަތުރުގައި މިއަދު ޒިޔާރަތްކުރި ސްކޫލްތަކުން އަލްފާ (އެކްސަލަރޭޓެޑް ލާރނިންގ ފޯރ އޯލް) ޕެޑަގޮޖީ ބޭނުން ކޮށްގެން ކުލާސްރޫމުގައި ކިޔަވައިދޭ ގޮތްތައް ބަލައި އަމަލީ ތަޖުރިބާ ހޯދައިފައިވެއެވެ. އަދި އަލްފާ ޕެޑަގޯޖީ ތަންފީޒުކުރާ މުދައްރިސުންނާ ބައްދަލުކޮށް އެ މުދައްރިސުންގެ ފަރާތުންވަނީ ކިޔަވައިދިނުމުގެ މައުލޫމާތު ވެސް ހޯދައިފައެވެ.

އަލްފާ ޕެޑަގޯޖީއަކީ ކިޔަވައި ދިނުމުގައި ބޭނުން ކުރާ މުޅިން ތަފާތު ވައްޓަފާޅިއެކެވެ. މި ދަތުރުގެ ބޭނުމަކީ އެ ވައްޓަފާޅި އަމިއްލައަށް ތަޖުރިބާކޮށް، އެތަންތަނުގައި ކިޔަވައިދޭ ޓީޗަރުންނާ ވާހަކަ ދައްކައި، އަމަލީ ގޮތުން ތަމްރީނުހޯދުމެވެ.

ރާއްޖޭގެ ދިހަ ސްކޫލެއްގައި މިޕްރޮގްރާމްގެ އަޖުމަބެލުމަށްޓަކައި އަލްފާ ލިޓަރެސީ އެންޑް ނިއުމެރަސީ ޕެޑަގޯޖީ ޕައިލެޓް ޕްރޮގްރާމެއް ހިންގަމުންގެންދެއެވެ. މިޕްރޮގްރާމް ހިންގަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި ޔުނިސެފް މޯލްޑިވްސް އާއި އިންޑިއާގެ ގްލޯބަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން އިންސްޓިޓިއުޓް ގުޅިގެންނެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންނަށް މިފަދަ ތަޖުރިބާގެ ގިނަ ދަތުރުތަކެއް މީގެ ކުރިންވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިންތިޒާމްކޮށްގެން ވަނީ ބާއްވާފައެވެ.

Leave a Comment

Your email address will not be published.