އިމްތިޙާންތަކުގައި ބައިވެރިވާ ދަރިވަރުންގެ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު ސެންޓަރުތަކަށް ފޮނުވުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ރާވައި ހިންގާ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު އޮތޮޅުތެރޭގެ ސެންޓަރުތަކަށް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި  ސޮއިކޮށްފިއެވެ.

 މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު މުޙައްމަދު އިހުސާން އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދެވެ.

މީގެ ކުރިން ކޮންމެ އިމްތިޙާނެއް ނިމި، ސެޓްފިކެޓްތައް ޑީ.ޕީ.އީ އަށް ލިބުމުން ސެންޓަރުތަކުން ޙަވާލުވުމަށް އަންގާ، ކޮންމެ ސެންޓަރަކުންވެސް ސެޓްފިކެޓް ތަކާ ޙަވާލުވާނޭ މީހަކު ޑީ.ޕީ.އީ އަށް ފޮނުވައެވެ. އެހެން ނަމަވެސް އިތުބާރުކުރެވޭ ފަރާތެއް ސެޓްފިކެޓްތަކާ ޙަވާލުވުމަށް ފޮނުވަން ދަތިވުމާއި، ބައެއް ފަހަރު ޙަވާލުވާ ފަރާތުގެ އިހުމާލުން ސެޓްފިކެޓްތައް ސެންޓަރުތަކާ ހަމައަށް ނުގޮސް ގެއްލުންފަދަ ކަންތައް މެދުވެރިވެފައިވެއެވެ. އަދި އަތޮޅުތެރޭގެ ދަތުރުފަތުރުގެ ކަންކަން ހުންނަގޮތުން މާލެއިން އެ ސެންޓަރުތަކަށް ސެޓްފިކެޓް ނުގެންދެވި ގިނަ ދުވަސް ވެގެންދެއެވެ. މީގެ ސަބަބުން އަވަހަށް ސެޓްފިކެޓް ބޭނުންވާ ދަރިވަރުންނަށް ސެޓްފިކެޓް ލިބުން ލަސްވެ، ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ސެންޓަރުތަކަށް ސެޓްފިކެޓް ފޮނުވަން ފެށުމާއެކު، ޑީ.ޕީ.އީ އަށް ސެޓްފިކެޓް ލިބޭތާ ގިނަވެގެން 20 ދުވަހުގެ ތެރޭގައި ސެންޓަރުތަކާ ޙަވާލުކުރެވިގެންދާނެއެވެ. އަދި ރައްކާތެރިކަމާއެކު ވީހާވެސް އަވަހަށް ދަރިވަރުންނާ ސެޓްފިކެޓްތައް ޙަވާލުކުރެވޭކަން ކަށަވަރުވެގެންދާނެއެވެ.

Leave a Comment

Your email address will not be published.