‘ކެމްބްރިޖް ޓީޗަރސް ޖޮބް އެލައިކް’ ފޯރަމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި- ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ޓީޗަރުންގެ މުހިންމުކަމުގެ މައްޗަށާއި ޓީޗަރުން އަދާކުރަމުންގެންދާ މަސްއޫލިއްޔަތުގެ މުހިންމުކަމުގެމައްޗަށް ބައްލަވައި ވާހަކަފުޅު ދައްކަވާފައި      

ތަފާތު ތަޖުރިބާ ޙިއްސާ ކުރުމުގެ ތެރެއިން އުނގެނުން ފަހި ކުރުމުގެ މަޤުޞަދުގައި ބޭއްވި ‘ކެމްބްރިޖް ޓީޗަރސް ޖޮބް އެލައިކް’ ފޯރަމް ނިންމުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބާއްވައިފިއެވެ.

ޣިޔާސުއްދީނު އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވި މި ފޯރަމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއެވެ. މިއިޙުތިފާލުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ އާއި އިންޑިޔާގެ ޝްރީ އެޑިޔުކެއަރ ގެ ސީއީއޯ އާއި ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙުވެސް ބައިވެރިވެ ވަޑައިގަތެވެ.

މިރަސްމިއްޔާތުގައި ޓީޗަރސް ޖޮބް އެލައިކް ސެޝަންސްތަކުގައި ބައިވެރިވިކަމުގެ ހަނދާނީ ސެރޓިފިކެޓްތައް މިފޯރަމްގައި ބައިވެެރިވި 257 ޓީޗަރުންނާ ޙަވާލުކޮށްދިނުމަށް އެޓީޗަރުން ނިސްބަތްވާ މާލެސަރަޙައްދުގެ ސްކޫލްތަކާ ޙަވާލުކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމްއެވެ. ސެރޓިފިކެޓްތައް ޙަވާލުކޮށްދެއްވުމަށްފަހު އެމަނިކުފާނުވަނީ މިފޯރަމްގެ ބައިވެރިންނާ މުޚާޠަބް ކުރައްވައި ޓީޗަރުންގެ މުހިންމުކަމުގެ މައްޗަށާއި ޓީޗަރުން އަދާކުރަމުންގެންދާ މަސްއޫލިއްޔަތުގެ މުހިންމުކަމުގެމައްޗަށް ބައްލަވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ބަދަލުވަމުންދާ ދުނިޔޭގައި އަބަދާއި އަބަދު މަޢުލޫމާތު ލިބިގަނެ ތިމާގެ އަމިއްލަ ޝަޚުޞު އަދާހަމަކުރުމުގެ ބޭނުންތެރިކަން ހާމަކުރައްވައި އެބޭނުމަށްޓަކައި މިފަދަ ފޯރަމްތަކުގެ ޚާއްޞަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފޯރަމްގައި މިފަހަރު ބައިވެރިވީ މާލޭ ސަރަޙައްދުގެ ސްކޫލް ތަކުގެ ގްރޭޑް 9 އަދި 10 އަށް ކިޔަވައިދޭ 257 ޓީޗަރުންނެވެ. މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދިނީ އިނގިރޭސި ،ހިސާބު، ފިޒިކްސް، ކެމިސްޓްރީ ، ބައޮލޮޖީ، ގެ އިތުރުން އާރޓް އެންޑް ޑިޒައިން އަދި ކޮމްޕިއުޓަރ ސައިންސާއި މެރިންސައިންސް މިމާއްދާތަކުގެ މައްޗަށެވެ.

މި ފޯރަމްގައި ހުރިހާ ބައިވެރިންނަށް އެއްކޮށް މަޢުލޫމާތުދޭ 3 ސެޝަންގެ އިތުރުން ވަކިވަކި މާއްދާތަކަށް ޚާއްޞަކުރެވިފައިވާ 3 ސެޝަން ކުރިޔަށް ގެންދެވެވުނެވެ.

މި މާއްދާ ތަކާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، ރާއްޖެއިން ބޭރުން ވަޑައިގެންނެވި 3 މާހިރުންނާއި ރާއްޖޭގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅުންނެވެ.

މިފޯރަމަކީ، އިންޑިޔާގެ ޝްރީ އެޑިޔުކެއަރ ލިމިޓެޑްގެ އެހީގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގުޅިގެން ފަރުމާކުރެވިފައިވާ ޚާއްޞަ ފަންނީ ޙަރަކާތެކެވެ.

 

 

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.