ޅަފަތުގެ ތަޢުލީމާ ތަރުބިއްޔަތުގެ މަރުހަލާގައި ކިޔަވައިދެއްވާ ސްކޫލް ތަކުގެ ޕްރިންސިޕަލުންނަށާއި ލީޑިންގ ޓީޗަރުންނަށް އަމާޒުކޮށްގެން ޤައުމީމަންހަޖަށް އަހުލުވެރިކުރުވުމަށް މަސައްކަތު ބައްދަލުވުމެއް ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ބާއްވައިފިއެވެ. އޮންލައިންކޮށް ބޭއްވި މިމަސައްކަތު ބައްދަލުވުން އޮތީ މިއަދުއެވެ. ބައްދަލުވުން ފައްޓަވައި ދެއްވުމަށް އެންއައިއީގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޝަކީބު ބައިވެރިންނާ ވާހަކަ ދެއްކެވިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި މުޅި ރާއްޖޭގެ އެކިއެކި ސްކޫލްތަކުން ޖުމްލަ 70 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މިބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުހަލާގެ ޓީޗަރުންގެ ޤާބިލްކަން އިތުރުކޮށް ޤައުމީމަންހަޖުގެ ފައުންޑޭޝަން ސްޓޭޖުގެ މައިގަނޑު ބައިތަކަށް އަހުލުވެރިކުރުމެވެ. އަދި މީގެ އިތުރަށް ކިޔަވައިދިނުމުގެ މައިގަނޑުދާއިރާތައް އެއްދާއިރާ އަނެއްދާއިރާއާ ގުޅުވައިގެން ކިޔަވައިދިނުން ރާވައި ހިންގާނޭގޮތާއި ކުދިންގެ ފެންވަރު ވަޒަން ކުރުމަށް ބޭނުން ކުރާ އާލާތްތައް ތައްޔާރުކޮށް ކިޔަވައިދިނުމުގައި ބޭނުން ކުރާނޭގޮތް އެނގިގެންދިއުމެވެ.
މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ސީނިޔަރ ކަރިކިޔުލަމް ޑިވެލޮޕްމެންޓް އެނެލިސްޓް ޝިޔާމާ އަބޫބަކުރާއި ކަރިކިޔުލަމް ޑިވެލޮޕްމެންޓް އެނެލިސްޓް ޢާއިޝަތު ޝިފާ އެވެ.
މިއަދު އެންއައިއީންވަނީ ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާގައި މަސައްކަތްކުރުމަށް މިއަހަރު ސްކޫލްތަކާ އަލަށްގުޅުނު ޓީޗަރުންނަށްވެސް މަންހަޖަށް އަހުލުވެރިކުރުވުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.