ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާގެ ސްކޫލްތަކުގެ ޓީޗަރުންނަށް ހިންގި ބިގް ބުކްސް ތައްޔާރުކުރުމުގެ މަސައްކަތު ބައްދަލުވުން ނިމިއްޖެ  

ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާގެ ސްކޫލްތަކުގެ ޓީޗަރުންނަށް ހިންގި ބިގް ބުކްސް ތައްޔާރުކުރުމުގެ މަސައްކަތު ބައްދަލުވުން ނިމިއްޖެއެވެ.

ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާގެ ޕްރީސްކޫލް ޓީޗަރުންނަށް ޚާއްޞަކޮށްގެން ބިގްބުކްސް ތައްޔާރުކުރުމުގެ މަސައްކަތު ބައްދަލުވުމެއް ނެޝަނަލް އިންސްޓިޓުޓް އޮފް އެޑިޔުކޭޝަނުން ފަށާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

އެންއައިއީ ގެ ސެމިނަރ ރޫމްގައި ހިންގި މިބައްދަލުވުމުގައި މާލޭގެ ޕްރީސްކޫލްތަކުގެ ތެރެއިން ޖުމުލަ 9 ސްކޫލަކުން 22 ޕްރީ ސްކޫލް ޓީޗަރުން ބައިވެރިވިއެވެ. މިބައްދަލުވުން ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕާމަނަންޓް ސެކެޓެރީ އަޙުމަދު ޢަލީ އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ ޢަބްދުﷲ ރަޝީދު އަޙުމަދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ އިތުރުން އެންއައިއީ ގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޝަކީބު ވެސް މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ.

މިރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ޕާމަނަންޓް ސެކެޓެރީ އަޙުމަދު ޢަލީ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ރަސްމީ ތަޢުލީމުގައި މިހާރު، ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާ ހިމެނިފައިވާކަން ފާހަގަކުރައްވައި އެމަރުޙަލާގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. ޕްރީސްކޫލް މަރުޙަލާޔަކީ ރަސްމީ ތަޢުލީމުގެ ބިންގާ އެޅިގެންދާ މަރުޙަލާކަމަށް ސިފަކުރައްވަމުން އެމަނިކުފާނުގެ ނަޒަރުގައި ތަޢުލީމުގެ އެހެން ހުރިހާ މަރުޙަލާތަކުގެ މުހިންމުކަމަށްވުރެން ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުޙަލާގެ މުހިންމުކަން ވަކިކުޑަނޫންކަމަށް ވިދާޅުވިއެވެ.

އެންއައިއީ އިން ބޭއްވި މިމަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، ޕްރީސްކޫލްތަކުގައި ބޭނުންކުރާނެ އެކަށީގެންވާ ރަނގަޅު ބިގް ބުކްސްތަކެއް ތައްޔާރުކުރުމެވެ. އެގޮތުން ބިގް ބުކްސް ލިޔާނެގޮތާއި ކުރެހުންތައް ބަހައްޓާނެ ގޮތުގެ އިތުރުން ވާހަކަ ޑިޖިޓަލް ކުރާނެ ގޮތުގެ މަޢުލޫމާތު މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ދެވުނެވެ. އަދި ބައިވެރިންނަށް ދެވުނު މަޢުލޫމާތުގެ އަލީގައި ބައިވެރިން ގެ އަމިއްލަ މަސައްކަތުން “ބިގް ބުކްސް” ގެ މުޅިން އާ އުފެއްދުމެއް ކޮންމެ ސްކޫލަކުން އުފައްދައިފައިވެއެވެ.

މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ސީނިއަރ ކަރިކިއުލަމް އެނަލިސްޓް އަޙުމަދު ޒާހިރު އާއި ކަރިކިއުލަމް އެނަލިސްޓް މުޙަންމަދު ޝަކީލު ގެ އިތުރުން ކަރިކިއުލަމް އެނަލިސްޓް މުޙަންމަދު ޢަލީމެވެ.

މިއީ މި ބިގް ބުކްސް ވަރކްޝޮޕް ބޭއްވޭ ހަތަރުވަނަ ބުރެވެ.

މިޚަބަރާގުޅޭ އިތުރު ފޮޓޯ:

 

 

 

 

Leave a Comment

Your email address will not be published.