ވޯލްޑްބޭންކްގެ އެހީގައި ރާއްޖޭގައި ހިންގާ ‘ފެހި މަދަރުސާ’ ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމުގައި ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން ، އެންއައިއީ ގެ ފަންނީ މުއައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށް، ކަމުގެ ތަމްރީން ދިނުމަށްޓަކައި ‘ގްރީން މެންޓަރސް’ ގެ ތަމްރީން ޕްރޮގްރާމް އެ މުއައްޒަފުންނަށް ހިންގައިފިއެވެ. ގްރީން މެންޓަރސް ތަމްރީން ޕްރޮގްރާމްއަކީ ސޮނެވާ ނަމޫނާއިން ކުރިޔަށްގެންދާ ތަމްރީން ޕްރޮގްރާމްއެކެވެ. ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ފަންނީ މުވައްޒަފުންނަށް ސޮނެވާ ނަމޫނާއިން މިތަމްރީން ހިންގައިފައިވަނީ އެންއައިއީ އިން އެދިގެންނެވެ. އެއްދުވަހަށް ކުރިއަށް ގެންދިޔަ މި ތަމްރީން އެން.އައި.އީގެ ފަންނީ ސްޓާފުން ފުރިހަމަ ކުރީ އިއްޔެގައެވެ. މިތަމްރީން ބޭއްވީ ކުރިން ޑިޕާރޓްމަންޓް އޮފް ޕްބަލިކް އެގްޒަމިނޭޝަންސް ހިންގަމުން ގެންދިޔަ މ. ގޯލްޑަން ސަންބީމް ގައެވެ.
ގްރީން މެންޓަރސް ތަމްރީން ޕްރޮގްރާމްގައި އެން.އައި.އީގެ ފަންނީ މުވައްޒަފުންގެ ތެރެއިން މިވަގުތު މާލޭގައި ތިއްބެވި ހުރިހާ މުވައްޒަފުން ބައިވެރިވިއެވެ. އެންއައިއީން ހާމަކުރިގޮތުގައި އެތާގެ ފަންނީ މުއައްޒަފުންނަށްދޭ މިތަމްރީނަކީ ވޯލްޑްބޭންކް އެހީގައި ރާއްޖޭގައި ކުރިޔަށްގެންދާ ފެހި މަދަރުސާ ޕްރޮޖެކްޓަށް އެހީތެރިވެދިނުމަށް މުއައްޒަފުން ތަމްރީންކުރުމެވެ.
އދގެ ޔުނެސްކޯއިން ގައުމުތަކަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި ތަކުގެ ތެރެއިން ދެމެހެއްޓެނިވި ތިމާވެއްޓަކަށް މަސައްކަތްކުރުމުގައި ހިމެނޭ ” ގްރީނިންގ ސްކޫލްސް ” އާގުޅޭ ފެހި މަދަރުސާ މަޝްރޫޢު ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ހިންގަންވަނީ ފަށާފައެވެ. މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި މިއީ ހަމައެކަނި ސްކޫލްތައް ފެހި ކުރުމުގެ ޕްރޮގްރާމެއްގެ ބަދަލުގައި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި ބަދަލުތަކެއް މިޕްރޮގްރާާމް މެދުވެރިކޮށް މުޖުތަމަޢަށް ގެނެވުން ހިމެނެއެވެ. އެހެންކަމުން އެ މަގްޞަދު ޙާސިލްކުރުމަށް ކިޔަވައިދިނުމުގައާއި އެހެނިހެން ޙަރަކާތް ތަކުގައި މި މަފްހޫމްގެ ބޭނުންދަނީ ކުރެވެމުންނެވެ.
މިތަމްރީން ޕްރޮގްރާމް ފައްޓަވައި ދެއްވަމުން އެން.އައި.އީ ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ތަމްރީންގެ ބޭނުމަކީ ” ފެހި މަދަރުސާ ” ޕްރޮގްރާމް ތަންފީޒް ކުރުމަށް، އެން.އައި.އީގެ ފަންނީ މުވައްޒަފުން ތައްޔާރު ކުރުމެވެ. ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ ޔުނެސްކޯ ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ބައެއްކަމުގައިވާ ” ގްރީނިން ސްކޫލް ” އެންމެ ރަނގަޅަށް ކުރިއަށް ގެންދާ ގައުމަކަށް ދިވެހިރާއްޖެ ވެފައިވާކަން ޔުނެސްކޯއިންވެސް ފާހަގަ ކުރަމުން ގެންދާކަމަށެވެ. އަދި ގްރީނިންގ ސްކޫލް ޗެންޕިޔަންގެ ގޮތުގައި ޔުނެސްކޯއިން ދިވެހިރާއްޖެ ދެކެމުން ގެންދާކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ ސޮނެވާ ނަމޫނާއިން ހިންގި މިޓްރޭނިންގ ޕްރޮގްރާމް ހިންގެވުމުގައި އިސްކޮށް ހުންނެވި އެޖަމްއިއްޔާގެ ޑިރެކްޓަރ ކެޓަރީނާ މާރިޔާ ( ކޭޝް) އެވެ.
ގްރީން މެންޓަރސް ތަމްރީން ޕްރޮގްރާމްގައި ފެހި މަދަރުސާ ގެ އެކިބައިތަކަށް އަލިއަޅުވާލައި މައުލޫމާތު ދީފައިވެއެވެ. މީގެތެރޭގައި ހިމެނެނީ ގުދުރަތީ އަދި އެހެނިހެން ވަސީލަތްތައް ބޭނުންކުރުން މަދުކުރުމާއި ދިރިއުޅޭ މާހައުލާއި ވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމާއި މޫސުމީ ފާގަތިކަމަށް މަސައްކަތްކުރުމެވެ.
މި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެން.އައި.އީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބުއެވެ.