“އިހުތިބީންގެ ދުލުން އެވޭލާ ދިރިއުޅުން”، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ރަސްމީކޮށް ނެރެދެއްވައިފި

19 އޮކްޓޫބަރ 2023

ށ. އަތޮޅު މަދަރުސާގައި ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ށ. ކަނޑިތީމު، ހަސަން ޒަރީރު (ލަގަން) ލިޔުއްވި “އިހުތިބީންގެ ދުލުން އެވޭލާ ދިރިއުޅުން”، މި ފޮތް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ރަސްމީކޮށް ނެރެދެއްވައިފިއެވެ.

މީގެ 20 އަހަރު ކުރިން ޙަސަން ޒަރީރު ލިޔުއްވަން ފެއްޓެވި މި ފޮތަކީ އެވޭލާ ދިވެހީންގެ ދިރިއުޅުމާ ބެހޭ އެކި ވާހަކަތަކާއި، ތާރީޚީ މުހިންމު އެކި ހާދިސާތަކާ ގުޅޭ މަޢުލޫމާތު ތަފްސީލީ ގޮތެއްގައި ހިމަނުއްވާފައިވާ ފޮތެކެވެ.

ހަސަން ޒަރީރު ވަނީ މި ފޮތުގެ ކޮޕީއެއް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ އަށާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށްވެސް ހަދިޔާ ކުރައްވާފައެވެ.

މި ފޮތުގައި އޭރުގެ ދަނޑުވެރިކަމާއި މަސްވެރިކަމާއި ބޭސްވެރިކަމާއި ބޭރު ދަތުރު ކުރުމާއި ވިޔަފާރި ކުރުންފަދަ ކަންކަމަށް އަލިއަޅުވާލާފައި ވެއެއެވެ. މީގެ އިތުރުން ކަނޑިތީމުގެ ތާރީޚީ އެތައް މަޢުލޫމާތެއް މިފޮތުގައި  ތަފްސީލްކޮށް ހިމަނާފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާންމުކޮށް ލިޔެ ނޫޅޭކަހަލަ ބައެއް ކަންކަމުގެ މައްޗަށްވެސް މިފޮތުގައި ބަލައިލާފައިވެއެވެ. މިގޮތުން އަރާރުންވުމާއި އިހުގައި ނަހަލާލަށް ބަލިވެ އިންނަ މީހާއާއި މެދު މުޖުތަމައު ދެކޭގޮތާއި ވައްކަންކުރާ މީހާއާމެދު އޭރު އަމަލުކުރެވެމުން އައި ގޮތާއި ކައިރި ރަށްރަށާއި އޮންނަ ތަޅާފޮޅުންތަކުގެ ވާހަކަ މިފޮތުގައި ވަނީ ތަފްސީލްކޮށް ހިމަނާފައެވެ. މިފޮތުގައި ހަތަރު ސަތޭކައަށް ވުރެ ގިނަ ސަފްހާ ހިމެނެއެވެ.

Leave a Comment

Your email address will not be published.