ރ. މާކުރަތު ކައުންސިލާއެކު އެންއައިއީ އިން ބައްދަލުވުމެއް ބާއްވައިފި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ކޮންޓިނިއުއިން އެޑިޔުކޭޝަން ޑިވިޝަނުން ހިންގާ ބްރިޖިންގ ޕްރޮގްރާމްގެ މިއަހަރުގެ ފުރަތަމަ ކުލާސް ފެއްޓުމަށްޓަކައި ރ. މާކުރަތު ކައުންސިލާއެކު އެންއައިއީ އިން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިމަހުގެ 12 ވަނަ ދުވަހު އެންއައިއީގެ މީޓިންގ ރޫމްގައެވެ.

ބްރިޖިންގ ޕްރޮގްރާމަކީ ތަފާތު ސަބަބުތަކާހުރެ ސްކޫލް ނުނިންމައި ވަކިވާންޖެހިފައިވާ ކުދިންނާއި މީހުންނަށް އަމާޒުކޮށްގެން އެފަރާތްތަކަށް ތަޢުލީމުދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ތަފާތު މާއްދާތައް ކިޔަވައިދޭ ގޮތަށް އޮތް ނަމަވެސް މިހާތަނަށް އެންމެ ގިނައިން ހިންގާފައިވަނީ އިނގިރޭސި ބަހުގެ ކްލާސްތަކެވެ. ބްރިޖިންގ ކްލާސްތަކުގައި ބައިވެރިވާ މީހުންނަށް ކިޔަވައިދިނުމަށްފަހު ބައިވެރިކުރަނީ އޯލެވެލް އިމްތިހާނުގައެވެ.

ރ. މާކުރަތުގައި ބްރިޖިންގ ކްލާސް ފެއްޓުމަށްޓަކައި މަޝްވަރާ ކުރުމަށް ބޭއްވުނު މިބައްދަލުވުމުގައި މާކުރަތު ކައުންސިލްގެ ރައީސް މުޙައްމަދު ރަމީޒްއާއި ކައުންސިލްގެ އެސްޖީ މަރިޔަމް ޙަސަން އަދި ކައުންސިލްގެ ދެމެމްބަރުން ކަމުގައިވާ މަރިޔަމް ސައީދާއާއި އަބްދުއްޞަމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެންއައިއީގެ ފަރާތުން މި ބައްދަލުވުމުގައި އިސްބޭފުޅަކަށް ބައިވެރިވެ ވަޑައިގަތީ އެއިންސްޓިޓިޔުޓް ހިންގެވުމާއި ޙަވާލުވެހުންނެވި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނާއިބު ޑރ. ފާތިމަތު ނިޝާންއެވެ.

 

Leave a Comment

Your email address will not be published.