އިނގިރޭސިބަސް ކިޔަވައިދޭ މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު އިތުރު ކުރުމަށް އެމާއްދާގެ މުދައްރިސުންނަށް ތަމްރީނު ދޭނެ މުދައްރިސުން ތަމްރީނު ކުރުމުގެ ޚާއްޞަ ޕްރޮގުރާމް (ޓީ.އޯ.ޓީ) ގެ 2 ވަނަ ބުރު ފަށައިފި

29-06-2024

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ޘާނަވީ މަރުޙަލާގެ އިނގިރޭސި ކިޔަވައިދިނުން ހަރުދަނާ ކުރުމަށް ކުރިޔަށް ގެންދާ ޚާއްޞަ ޕްރޮގުރާމްގެ 2 ވަނަ ބުރު ފެށިގެން ކުރިޔަށް އެބަދެއެވެ.

އެން.އައި.އީ ސެމިނަރ ރޫމުގައި ކުރިޔަށްދާ މިތަމްރީނުގެ 2 ވަނަ ބުރު ރަސްމީ ކޮށް ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ ޢައިޝަތު ވަދީފާ އެވެ.

މިފެށުނު ޚާއްޞަ ޕްރޮގުރާމްގެ މައިގަނޑު މަޤުޞަދަކީ، ޘާނަވީ މަރުޙަލާގެ އިނގިރޭސި މާއްދާގެ މަންހަޖަށް ގެނެވުނު ބަދަލުތަކަށް މުދައްރިސުން އަހުލުވެރި ކުރުވުމާ، ޒަމާނީ ކިޔަވައިދިނުމުގައި މިހާރު ބޭނުންކުރެވޭ އުކުޅުތައް މުދައްރިސުންނަށް ފޯރުކޮށްދިނުމަށް މުޅިރާއްޖޭގައި ޙަރަކާތްތެރިވާނެ ޓީ.އޯ.ޓީން ތަމްރީނު ކުރުމެވެ.

2 ބުރަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ މި ތަމްރީނުގެ ފުރަތަމަބުރު ވަނީ، 2024 ޖޫން 23 އިން 27 އަށް ކުރިޔަށް ގެންގޮސް 55 ބޭފުޅުން ޓްރެއިންކޮށް ކާމިޔާބު ކަމާއެކު ވަނީ ނިންމާ ލައިފައެވެ. ހަމަ އެއާއެކު މިއަދު މިފެށުނު 2 ވަނަ ބުރު 3 ޖުލައިގައި ނިމޭއިރު މިބުރުގައި 58 ބޭފުޅުން ތަމްރީނު ކުރެވޭނެއެވެ.

އޭ.އީ.ޑީ.ޕީ ގެ އެހީގައި ކުރިޔަށްގެންދާ މިޕްރޮގުރާމަކީ، މުދައްރިސުން ތާޒާ ކުރުމަށް 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ނިމޭއިރު ސެކަންޑްރީ ކްލާސްތަކަށް އިނގިރޭސި ކިޔަވައިދެއްވާ މުދައްރިސުން ތާޒާ ކުރުމުގެ ޕްރޮގުރާމްތައް ހިންގުމަށް 113 ޓީ.އޯޓީން ތަމްރީނު ކުރެވޭނެއެވެ.

މިތަމްރީނު ޕްރޮގުރާމް ގެ 2 ވަނަ ބުރުގެ ބައިވެރިންނަށް ވެސް މަޢުލޫމާތު ދެއްވާނީ، ފުރަތަމަ ބުރުގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވި ދެބޭފުޅުންކަމުގައިވާ، އެޑިޔުކޭޝަން ކޮންސަލްޓެންޓް އަލްފާޟިލާ މަރިޔަމް ތައުފީޤާ އާއި ޓްރެއިނިންގ އެކްސްޕާރޓް އަލްފާޟިލާ ފަސީލާ ޝަކީބެވެ.

 

 

Leave a Comment

Your email address will not be published.