އިނގިރޭސިބަސް ކިޔަވައިދޭ މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު އިތުރު ކުރުމުގައި އެހީތެރިވެދިނުމަށް ހިންގާ ޓީ.އޯ.ޓީ ން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ 2 ވަނަ ބުރު ނިމިއްޖެ

2024-07-03

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން އިނގިރޭސިބަސް ކިޔަވައިދޭ މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު އިތުރުކުރުމަށް އެމާއްދާގެ މުދައްރިސުންނަށް ތަމްރީނު ދިނުމަށް ތަމްރީނުކުރާ މުދައްރިސުން ތަމްރީނު ކުރުމުގެ ޚާއްޞަ ޕްރޮގުރާމް (ޓީ.އޯ.ޓީ)ގެ 2 ވަނަ ބުރު ކާމިޔާބު ކަމާއެކު ނިންމާ ލައިފިއެވެ

2 ބުރަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި ތަމްރީނު ޕްރޮގުރާމަކީ، ޘާނަވީ މަރުޙަލާގެ އިނގިރޭސި މާއްދާގެ މަންހަޖަށް ގެނެވުނު ބަދަލުތަކަށް މުދައްރިސުން އަހުލުވެރި ކުރުމާ، ޒަމާނީ ކިޔަވައިދިނުމުގައި މިހާރު ބޭނުންކުރެވޭ އުކުޅުތައް މުދައްރިސުންނަށް ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ޙަރަކާތްތެރިވާނެ ޓީ.އޯ.ޓީން ތަމްރީނު ކުރުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދިޔަ ޚާއްޞަ ޕްރޮގުރާމެކެވެ.

އޭ.އީ.ޑީ.ޕީ.ގެ އެހީގައި ކުރިޔަށްގެންދިޔަ މިޕްރޮގުރާމަކީ، މުދައްރިސުން ތާޒާ ކުރުމަށް 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ ޕްރޮގުރާމެކެވެ. މިޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 55 ބޭފުޅުން އަދި 2 ވަނަ ބުރުގައި 58 ބޭފުޅުން ޖުމުލަ 113 ބޭފުޅުން ޓީ.އޯ.ޓީންގެ ގޮތުގައި ތަމްރީނު ކުރެވިފައިވެއެވެ.

އެން.އައި.އީ ސެމިނަރ ރޫމުގައި 2024 ޖޫން 29 އިން ޖުލައި 3 އަށް ކުރިޔަށްދިޔަ މިތަމްރީނު ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަޙުމަދު ޢަދީލް ނަޞީރެވެ.

މިތަމްރީނު ޕްރޮގުރާމް ގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، އެޑިޔުކޭޝަން ކޮންސަލްޓެންޓް އަލްފާޟިލާ މަރިޔަމް ތައުފީޤާ އާއި ޓްރެއިނިންގ އެކްސްޕާރޓް އަލްފާޟިލާ ފަސީލާ ޝަކީބެވެ.

 

 

 

 

 

 

Leave a Comment

Your email address will not be published.