އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ސްކޫލެއްގައި ގާއިމުކުރާ އިންކްލޫސިވް ސަޕޯޓް ޔުނިޓްތަކުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ މިމަހުގެ 2 ވަނަ ދުވަހު ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހުންނަ އެއަތޮޅު ތައުލީމީ މަރުކަޒުގައެވެ.
މި ރަސްމިއްޔާތުގައި މިޕްރޮޖެކްޓް އިފްތިތާޙް ކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު އެވެ. މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ ޢަބްދުﷲ ރަޝީދު އަޙުމަދު ބައިވެެރިވެ ވަޑައިގަތެވެ.
- މިޕްރޮޖެކްޓްގެ ދަށުން އިންކްލޫސިވް ސަޕޯޓް ޔުނިޓްތައް ގާއިމްކުރާނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ތައުލީމީ މަރުކަޒާއި ހައްދުންމަތީ ގަމު، އިހައްދޫ ސްކޫލާއި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ އަބޫބަކުރު ސްކޫލްގައެވެ.
މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިޕްރޮޖެކްޓް ކުރިއަށް ގެންދާ ދެވަނަ އަހަރެވެ. މިމަޝްރޫޢުގެ އަމާޒުގެ ތެރޭގައި އިންސާނީ ވަސީލަތްތައް ގާއިމުކުރުމާއި އިންފްރާސްޓްރަކްޗަރ އާރާސްތުކޮށް ވަސީލަތްތައް އިތުރުކުރުމާއި އުނގަންނައި ދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ.
މިރަސްމިއްޔާތުގައި އިންޑިޔަން ހައިކޮމިޝަންއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބައިވެރިވިއެވެ.