‘ފަންނު ވެށި’ އިފްތިތާޙްކޮށްފި- އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިޞަލް ނަސީމް

ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީން ދިނުމަށްޓަކައި ގާއިމްކުރާ ހަބް ސްކޫލްތަކުގެ ތެރެއިން ހުނަރާއި އީޖާދުގެ ވެށި ‘ފަންނު ވެށި’ މިރޭ އިފްތިތާހްކޮށްފިއެވެ.

ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންވެސް ހިމެނޭހެން ތަޢުލީމާއި ތަމްރީން ފޯރުވައިދިނުމަށް ގާއިމް ކުރާ މި ‘ފަންނު ވެށި’ އިފްތިތާޙްކޮށް ދެއްވީ އެކަމަށްޓަކައި ޢިމާދުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްއެވެ.

މިއީ ދިވެހިރާއްޖޭގެ ތަޢުލީމުގެ ގާނޫނުގައި ހިމެނޭ ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި ގާއިމުކުރެވިގެންދިޔަ މަރުކަޒެކެވެ. އަދި ތައުލީމީ ގާނޫނުގެ ދަށުން ރަސްމީތަޢުލީމުގެ ތެރެއިން ވޮކޭޝަނަލް އެޑިޔުކޭޝަން ތަޢާރަފް ކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅުވެސް މެއެވެ.

ފަންނު ވެށީގެ ދަށުން ރޭގައި އިފްތިތާހު ކުރެވިގެންދިޔަ 4 ޕްރޮގްރާމަކީ ކެއްކުމުގެ ހުނަރު ދަސްކޮށްދިނުމަށް ގާއިމްކުރެވުނު “ކައްކާވަތި” ، ބިޔުޓީތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމްކުރެވުނު “ނަލަވަތި” އަދި ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމު ކުރެވިފައިވާ “ޓެކްވަތި” އާއި ފެހުމުގެ ހުނަރު ދަސްކޮށްދިނުމަށް ގާއިމުކުރެވުނު “ފަހާވަތި” މި 4 ޕްރޮގްރާމެވެ. މީގެ އިތުރުންވެސް ކުރިމަގުގައި އިތުރު ފަންނުތައް ދަސްކޮށްދިނުމުގެ މަސައްކަތް މި ފަންނު ވެށިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ފަންނު ވެށިން ދަސްވެނިވާ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓިފިކެޓް ލެވެލް 3 ގެ ސަނަދާއެކު ދަސްވެނިވާ ދަރިވަރުންނެވެ. މިފަންނުތަކުގައި އުނގެނޭ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ފޯރުކޮށްދިނުންވެސް އޮވެއެވެ.

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ގެނެވުނު މިއިންގްލާބީ ބަދަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޢިމާދުއްދީން ސްކޫލްގައި ކަމަށް އެޑިޔުކޭޝަނުން ވިދާޅުވެއެވެ. ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެންމެ ފުޅާގޮތެއްގައި ރާއްޖޭގައި މިވަގުތު ތަޢުލީމުދެވޭ ސްކޫލަކީވެސް އެއީއެވެ.

ރޭގެ ރަސްމިއްޔާތުގައި ނާއިބު ރައީސް ފައިޞަލް ނަސީމްއާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢައިޝަތު ޢަލީ ވާހަކަފުޅު ދެއްކެވިއެވެ.

އަދި މިފަންނު ވެށި ތަރައްގީ ކުރުމުގައި އެހީތެރިވި އެޓްމޮސްފިޔަރ ފައުންޑޭޝަނާއި އީވް ގާމެންޓްސް ގެ އެހީތެރިކަން ފާހަގަކުރެވުނެވެ.

މިރަސްމިއްޔާތު ކުރިޔަށް ދިޔައީ ޢިމާދުއްދީން ސްކޫލްގެ ދަރިވަރުންގެ މުނިފޫހިފިލުވައިދިނުމުގެ ޙަރަކާތްތަކާއެކުގައެވެ.

 

Leave a Comment

Your email address will not be published.