މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު ޢަލީ އާއި ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު އަކީ ޖަމާޢަތުގެ ޚަބަރު ތަރައްޤީކޮށް ކުރިއެރުވުމަށް އިޚްލާސްތެރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވަމުން ގެންދެވި ދެބޭފުޅުން – ޙައްގު ޝުކުރު އަރިސްކުރަން

ޖަމާޢަތުގެ ޚަބަރު އޮންލައިންކުރަން ފެށުން ފާހަގަކުރަން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު ޢަލީއާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދުއަކީ ޖަމާޢަތުގެ ޚަބަރު ތަރައްޤީކޮށް ކުރިއެރުވުމަށް ވަރަށް އިޚްލާސްތެރި މަސައްކަތްޕުޅުތަކެއް ކުރެއްވި ދެބޭފުޅުން ކަން ފާހަގަ ކޮށްލަމެވެ.

ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދު

ތަފާތު އެކި ސަބަބުތަކާހުރެ ޖަމާޢަތު ޚަބަރުގެ މަސައްކަތްތައް ވަޅުޖެހިފައިވަނިކޮށް މަޖައްލާ ދިރުވުމަށް ބާރުއަޅުއްވައި އެކަމުގައި ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލެއްވެވީ އެދެބޭފުޅުންގެ މަސައްކަތްޕުޅުންނެވެ.

ޖަމާއަތުގެ ޚަބަރު އޮންލައިންކޮށް ނެރެން ފެށީ 14 މާރޗް 2022 ގައެވެ. މަޖައްލާ އޮންލައިން ކުރުމަށް ބާރުއަޅުއްވައި އެކަމުގައި އެންމެބޮޑު މަސައްކަތްޕުޅެއް ކުރެއްވީ މިނިސްޓަރ އާއިޝަތު ޢަލީއެވެ. ކޮވިޑް ވަބާގެ ސަބަބުން އަތްފައި ބަނދެވިފައި ތިބި ދުވަސްވަރު ޖަމާޢަތުގެ ޚަބަރު އޮންލައިން ކުރުމަށް އެކަމަނާ ނިންމަވައި އެކަމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިރުޝާދު އެދުވަސްވަރު ބާއްވަމުން ގެންދެވި އޮންލައިން ބައްދަލުވުން ތަކުގެ ޒަރީއާއިން ދެއްވަމުން ގެންދެވިއެވެ. އެކަމަނާ ދެކިވަޑައިގަތްގޮތުގައި ގިނަބަޔަކަށް މަޖައްލާ ފޯރުވައިދިނުމަށްޓަކައި ޖަމާޢަތުގެ ޚަބަރު އޮންލައިން ކުރެވިގެން ދިޔުމަކީ ވަރަށް މުހިންމުކަމެކެވެ.

މިނިސްޓަރ ޢާއިޝަތު ޢަލީއަކީ ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު އިސްކަމެއްދެއްވި އެއް ބޭފުޅަކުކަން ދާއިރާގެ ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ދާއިރާގެ ވަކިކަމެއް ދޫކޮށް ނުލައްވައި މުޅި ދާއިރާގެ ކުރިއެރުމަށް ދެއްވި ސަމާލުކަމުގައި ޖަމާޢަތުގެ ޚަބަރު އޮންލައިން ކުރުމުގެ ވިސްނުންފުޅު، ޙަގީގަތުގައި އެކަމަނާވަނީ ކޮވިޑް ވަބާގެ ކުރިންވެސް ފާޅުކުރައްވާފައެވެ. އެހެން ނަމަވެސް އެކަމަށް އިރުޝާދު ދެއްވައި އެކަމަނާ މަސައްކަތްޕުޅު ފަށްޓަވާފައިވަނީ އެފަދަކަމަކަށް ވަރަށް އެކަށޭނަ ދަނޑިވަޅެއްކަމުގައިވާ ކޮވިޑްގެ ދުވަސްތަކުގެ ތެރޭގައެވެ.

ދައުރު ނިމުމާގުޅިގެން މާދަމާ މަޤާމުން ވަކިވެވަޑައިގަންނަވާ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އާއިޝަތު ޢަލީ އަކީ ދިވެހި ބަހާއި އަދަބިއްޔާތަށްވެސް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަވެވޭ ބޭފުޅެކެވެ. މިކަން އެންމެ ބޮޑަށް އެނގިގެންދަނީ އެކިއެކި މުނާސަބަތުގައި އެކަމަނާ ދެއްވާ ތަގުރީރުތަކުންނާއި ދަރިވަރުންނަށް އިރުޝާދު ދެއްވުމަށް ދައްކަވާ އެކިވާހަކަފުޅުތަކުންނެވެ.

ޖަމާޢަތުގެ ޚަބަރު އެދެނީ މިނިސްޓަރ ޢާއިޝަތު ޢަލީއަށާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޢަބްދުﷲ ރަޝީދު އަޙްމަދަށް ދުޅަހެޔޮ ފާގަތި ދުވަސްތަކެކެވެ. ޖަމާޢަތުގެ ޚަބަރާމެދު ބެހެއްޓެވި ގާތްކަމާއި މަޖައްލާގެ ކުރިއެރުމަށް ދެއްވި ސަމާލުކަމަށް އަދަބު އިޙުތިރާމާއެކު ޝުކުރު އަރިސްކުރަމުންނެވެ.

 

 

 

Leave a Comment

Your email address will not be published.